ގައުމުގެ ޅަ ދަރިންނަށް ސްކޫލަށް ގޮސް، އެނބުރި ގެއަށް ރައްކާތެރިކަމާ އެކު ނާދެވޭ ކަމުގައިވާ ނަމަ، ބޭނުންވާނެ ފްލެޓެއް ވެސް އަދި އެ ނޫން އެއްޗެއް ވެސް ނޯންނާނެ ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ހިސާން ވިދާޅުވީ، ބައެއް ހާލަތްތަކުގައި މުޖުތަމައުގައި ބޮޑެތި ކުށް ކުރާ ފަރާތްތަކަށް ހިމާޔަތްތައް ލިބޭފަދަ މަންޒަރުތައް ފެނިގެންދިއުމުގައި ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
" ހަގީގަތުގައި އަޅުގަނޑުމެން ރައްޔިތުން މިއަދު ނުކުމެ މިތިބީ، މި ކަންތައްތައް އިސްލާހު ކުރުމަށް. އަޅުގަނޑުމެންނަށް އަދި ހަމައެކަނި ނޫސްތަކުގެ ސުރުހީތަކުން މިފެނިގެންދަނީ ދައްކާވާހަކަަތައް އެކަނި. ދައްކާ ވާހަކަތަކުގައި ހިމެނެނީ އޮޅުމަކުން ކުރެވޭ ހުކުމްތަކުގެ ވާހަކައާއި ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރެވޭ، ބޮޑެތި ހުކުމްތަކުގެ ވާހަކަ. އަދި އެބަ އުޅޭ އެހެން ޒާތެއްގެ ވާހަކަތަކެއް. އެއީ އަޅުގަނޑުމެން ނުދައްކާ ވާހަކަ. ދެއްކީމަ ކުށްވެރިވާ ވާހަކަ. ބުނީމާ ސަސްޕެންޑްވާ ޒާތުގެ ވާހަކަ. އޭގެ ތެރޭގައި ހިމެނެނީ ފޯނު ކޯލެއް އާއިމަ މައްސަލަ ތަހުގީގު ނުކޮށް ދޫކޮށްލާ މައްސަަލަތަކައި، މަތިން އެންގީމަ ވަކި މީހެއްގެ މައްޗަށް ތަހުގީގު ކުރަންޖެހޭ މައްސަލަތަކައި ވަކި މީހެއް ބުނީތީ ތަހުގީގު ހުއްޓާލަންޖެހޭ މައްސަލަތަކާއި ވަކި ވަކީލަކު އައިމަ މީހާ ދޫވެގެންދާ މައްސަލަތަކާއި ހެކި ނެތް މައްސަލަތަކުގައި ޕީޖީ ވިދާޅުވެގެން ދައުވާ ކުރާ މައްސަލަތަކާއި ދައުވާ ނުކުރަން ނިންމާފައިވާ މައްސަލަތަކުގައި ޕީޖީއަށް އަންނަ ފޯނު ކޯލެއްގެ ސަބަބުން ދައުވާ ކުރަން ނިންމި ވާހަކަތައްވެސް ހިމެނޭ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، މިފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެތަށް ބައެއް މަރާލާފައިވާ އިރު މިހުރިހާ ކަމެއް ތިލަވެގެން އަަންނަނީ އާންމުކޮށް ރައްޔިތުން ނުދައްކާ ޒާތުގެ ވާހަކަތަކުގެ މައްޗަށް ކަމަށެވެ.
" ކީއްވެގެންތޯ، ބޮޑެތި ޖަރީމާ ހިންގާ މީހުންނަށް ބޮޑެތި ޕްރޮޓެކްޝަން ނުވަތަ އިމްޕިއުނިޓީއާ އެއްކޮށް މުޖުތަމުގައި އުޅެވެނީ. އެ ސުވާލު ކުރުމުން ކުށްވެރިވަނީ އެ ސުވާލު ކުރާ މީހާ. އެ ހަގީގަތް އޮޅުން ފިލުވުމަށް އުޅުނީމާ ކުށްވެރިވަނީ އެކަން ތަހުގީގު ކުރާ ފުލުސް އޮފިސަރު. އެފަދަ ޖަރީމާތައް ހިންގާ މީހާގެ މައްޗަށް ހުކުމް ކުރީމާ، ކުށްވެރިވަނީ ހުކުމް ކުރާ ގާޒީ. މީއެއް ނޫން އަޅުގަނޑުމެން ހޯދަން ބޭނުންވާ އަދުލުވެރި ޑިމޮކްރެތިކް މުޖުތަމައު އަކީ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، މި ގައުމުގައި އޮތީ ސިޔާސީ ނުފޫޒުން ފުރިގެންވާ ޖުޑިޝަރީއެއް ކަމަށާއި މި ގައުމުގައި މިއަދު ހަމައެއް ލަމައެއް ނެތް ކަަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަނީ ގޯހުން ގޯހަށް ކަަމަށް އޭނާ ވިދާޅުވި އެވެ. އމިއީ ޔޫރަޕިއަން ޕާލިމެންޓްގައިވެސް ގޮވާލި ގޮވާލުންތައްކަން ހިސާން ފާހަގަކުރެއްވި އެވެ.