ޔޫރަޕިއަން ޔޫނިއަން ޕާލަމެންޓުން (އީޔޫ އިން) ރާއްޖެއާ ގުޅޭގޮތުން ފާސްކުރި ޤަރާރު ދިވެހި ސަރުކާރުން ބަލައި ނުގަތުމަކީ ބޮޑެތި ޖަރީމާތައް ހިންގުން ހުއްޓާ ނުލައި ކުރިއަށް ގެންދާނަމޭ ބުނުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެވެ.
މ ކުނޫޒްގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި، އީޔޫއިން ފާސްކުރި ޤަރާރު ބަލައި ނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނި ބުނުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ އީޔޫގެ ޤަރާރަކީ އާދައިގެ ޤަރާރެއް ނޫން ކަމަށާއި އެއީ ވަރަށް މުހިއްމު ޤަރާރެއް ކަމަށެވެ. އަދި އެޤަރާރުން އެދެނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަމަށެވެ.
"އެއީ ވަރަށް މުހިއްމު ޤަރާރެއް. ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެދެނީ. ރާއްޖޭގައި އިންސާނީ ޙައްޤުތަކާ ޚިލާފް މީހުން މެރުންފަދަ ކަންކަން ހިންގާ ވާހަކަޔާއި އެފަދަ މައުލޫމާތު ފަތުރުވެރިންނަށްދީ އެމީހުން އައުން ހުއްޓުވާފަދަ ޤަރާރެއް. މިޤަރާރު ބަލައި ނުގަންނަމޭ ވިދާޅުވީމާ އެވިދާޅުވެވެނީ މިހާރު ކަންތައްތައް ހިނގާގޮތް ރަނގަޅޭ. އިތުރަށް ކުރަށޭ. އިތުރަށް މީހުން މަރާށޭ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެޤަރާރު ފާސްވެފައިވަނީ ވަރަށް ބޮޑު އަޣްލަބިއްޔަތކުން ކަމަށާއި މިޤަރާރަކީ އެއްގޮތަކަށްވެސް ކަމެއްގެ ގޮތުގައި ބަލައި ނުގަނެ ނުތިބެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދިވެހި އެންމެހާ ރައްޔިތުންނަށް ލިބޭނޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓުން ރާއްޖެއާ ދެކޮޅަށް ނެރުނު ބަޔާނާ ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާއިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ޤަރާރަކީ ވަކިކޮޅަކަށް ޖެހިފައިވާ، ހަޤީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޤަރާރެއް ކަމަށެވެ. އަދި އަސްލެއް ނެތް ތުހުމަތުތަކެއް ދިވެހި ސަރުކާރާ މެދު ކޮށްފައިވާ ކަމަށް ބުނެ،ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ ބާރު ކަނޑުވާލަން ވިލާތުގެ އިއްތިޙާދުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ފާއިތުވި އަހަރުތަކުގައި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، އަދި ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވިލާތުގެ އިއްތިޙާދުގެ ޤަރާރުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ވިލާތުގެ އިއްތިޙާދުގެ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އެވަފްދުން އައިސް ރާއްޖޭގެ ކަންކަން ހުރި ނެތް ގޮތް ބަލަން ފުރުސަތު ލިބިފައި އޮވެމެ، ކުއްލިއަކަށް މިހާރު މިފަދަ ޤަރާރެއް ނެރުމުގެ މަޤްޞަދާ މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފައެވެ.