ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ހަގީގީ ގާތިލުން ހޯދުމަށް މި ސަރުކާރުން ވަނީ "ނުކުޅެދިފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގާތިލުން ހޯދުމަށް ފުލުހުންގެ މުވައްސަސާ ވެސް އޮތީ ނުކުޅެދިފައި ކަމަށެވެ. އަދި ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރު، ބޭނުންކޮށްގެން ސިޔާސީ ފައިދާއެއް ހޯދުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ފުލުހުންނަކީ މުޖުރިމުން ސަލާމަތްކޮށް މީހުން މަރާ މީހުން ރައްކާތެރިކުރަން ތިބި ބައެއް ނޫން ކަމަށެވެ.
"ފުލުހުންގެ މަސައްކަތް ރަނގަޅަށް ހިނގާ ކަމަށް ވާނީ ގިނަ މީހުންތަކެއް ހައްޔަރުކުރުމެއް ވެސް ނޫން. އެ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގައި ތިބި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ހިފައި ހައްޔަރުކޮށް ޝަރީއަތްކުރުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ މީހެއްގެ ދަރިއަކު މަރާލެވުނީމަ އެކަމާ ދެކޮޅަށް ނުތެދުވާ މީހުންގެ ކިބައިގަ އިންސާނިއްޔަތުކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިޔާސީ އެކި މީހުން ޖަލަށް ބޭ އިންސާފުން ޝަރީއަތްކޮށް ކުރެވޭ ހުކުމްތަކަކީ ވެސް އަނިޔާވެރި އަމަލުތައް ގޮތުގައި އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ އަނިޔާވެރި ހުރިހާ އަމަލަކީ ހަމަ އެކަނި ރައީސް ޔާމިންގެ ސަބަބުން ހިންގޭ އަމަލުތަކެއް ކަމަށް ބުނުވޭނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މިނިވަން މުވައްސަސާތަކާއި ކޯޓުތައް ވެސް އޭގައި ހިމެނޭ ކަމަށެވެ.
" އެކި ކަންކަމުގައި އެކި މިންވަރަށް އެކި ތަންތަނުގައި ޒިންމާ ނަގަންވެސް މީހުން އެބަ ތިބި. ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން އެބަ ތިއްބެވި. ހައި ކޯޓުގައިވެސް އެތައް ފަނޑިޔާރަކު އެބަ ތިއްބެވި. ދަށު ކޯޓުގައިވެސް ފަނޑިޔާރުން އެބަ ތިއްބެވި. ﷲގަންދީ ހުވާކޮށްގެން ތިއްބެވި. ރާއްޖޭގައި އެމްއެންޑީއެފް އެބަ ތިބި. އެންމެން ތިބީ ﷲ ގަންދީ ހުވާކޮށްގެން. ޕޮލިސް ފޯސްއެއ އެބަ ތިބި ﷲ ގަންދީ ހުވާކޮށްގެން ތިބި މީހުން،" އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ ގައުމުގެ ހާލަތު ބަދަލުވާނީ އެގައުމެއްގެ ރައްޔިތުން ބޭނުންވުމުން ކަން ފާހަގަ ކުރައްވާ އޭނާ ވަނީ އަނިޔާވެރި ކަމާ ދެކޮޅަށް ރައްޔިތުން ނިކުތުމަށް ވެސް ގޮވާލައްވާފަ އެވެ.