ރާއްޖޭގެ ރައްޔިތުން މިއަދު ތިބެންޖެހިފައި ވަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާއި، ކަމަކާ ނުލައި ހައްޔަރު ވެދާނެ ކަމުގެ ބިރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ ޙައްޤަކާ ނުލައި މީހުން ގަތުލު ކުރުމަކީ އިންޒާރުގެ ވައީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް ކަމަށާއި މާރާމާރީ އާއި މީހުން ގަތުލުކުރުމުގެ ބިރުވެރިކަން މިރާއްޖޭގައި ވަނީ އިންތިހާއަށް އުފެދިފައި ކަމަށެވެ.
އަނާރާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ސަލާމަތީ ޚިދުމަތްތަކުގައިވާ ފުލުހުންނާއި ސިފައިންނަށް ކަމަށާއި އަމަންއަމާންކަން ބެލެހެއްޓުން އެއީ އެމީހުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގައި ބިރުވެރިކަން ބޮޑުވެ މިހާރު މިވަނީ އެކަން މެދުވެރިވާ ސަބަބު ދެނެގަންނަން ޖެހިފައި ކަމަށް އަނާރާ ވިދާޅުވިއެވެ.
އަނާރާ ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާއަށް ކުރެއްވި ދަތުރަކަށް އިޝާރާތް ކުރައްވާ އަނާރާ ވިދާޅުވީ ދާއިރާގެ މީހުން ވެސް ތިބެނީ ބިރުން ކަމަށާއި ޝަރީއަތެއް ނުކޮށް ތަހުގީގް ކުރުމެއް ވެސް ނެތި ބަންދު ކޮށްފާނެ ކަމުގެ ބިރުވެތިކަން އެމީހުންނަށް ކުރިމަތިވެފަވާ ކަމަށް ދާއިރާގެ ރައްޔިތުން ބުނި ކަމަށެވެ.
އަނާރާ ވިދާޅުވީ އެބިރުވެރިކަމާ އެއްވަރަށް މިހާރު އޮތް ބިރުވެރިކަމަކީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ވަޒީފާއިން ވަކިކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށާއި މަޖިލިސް މެންބަރުން ވެސް ގޮނޑި ގެއްލިދާނެތީ އުޅެން ޖެހިފައިވާ ކަމަށެވެ. އަދި ޓީޗަރުން ވެސް ވަޒީފާ ގެއްލިދާނެތީ އެކަމުގެ ބިރުގައި ތިބެން ޖެހިފައިވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ އަމަންއަމާންކަން ޤާއިމް ކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި ކުށުން ދުރުވުމަކީ ކޮންމެ މީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށް ވީނަމަވެސް މީހުން ކުށްތަކާ ދުރުކުރުމަކީ ވެސް ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ދީނީ އިލްމުވެރިޔާ އަނާރާ ނައީމް ދީނުގެ ޙުކުމްތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގަތުލު ކުރުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި އެންމެބޮޑު ހަތް ފާފައިގެ ތެރެއިން ހިމެނޭ ފާފައެއް ކަމަށެވެ. މުޖުތަމައު ރަނގަޅުކޮށް އަމަންއަމާންކަމާއި ހަމަޖެހުން ގެނައުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުން ފެންނަނީ އެކަންކަން ނުކޮށް އެހެން ކަންކަމުގައި އުޅޭތަން ކަމަށް އަނާރާ ވިދާޅުވިއެވެ.
އަނާރާގެ ވާހަކަފުޅު ނިންމަވާލެއްވީ ސުލަހަ މަސަލަސްކަމާ އެކު މާރާމާރީ އާއި މީހުން ގަތުލު ކުރުމުގެ މައްސަލަ ހައްލުވެ، މާރާމާރީތައް ނުހިނގާ، އަމަންއަމާންކަމާއެކު އުޅެވޭނެ ދުވަހެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަން ކުރެވޭނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގެ ތެރެއިން ވެރިންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވަމުންނެވެ.
މީގެ އިތުރުން ގަތުލުތަކާއި މާރާމާރީތައް ހިނގަން ޖެހޭ ސަބަބުތައް ދިރާސާ ކުރެއްވުމަށް ގޮވާލާ ކަމަށާއި އެއީ އެންމެ ފުރަތަމަ އަޅަން އޮތް ފިޔަވަޅު ކަމަށް އަނާރާ ވިދާޅުވިއެވެ.