ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓުން ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ފާސްކުރި ޤަރާރުގައި ހިމެނެނީ ދޮގުތަކެއް ކަމަށް ބުނެ، ދިވެހި ސަރުކާރުން އެ ޤަރާރާ ދެކޮޅު ހަދައިފިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓުން ރާއްޖެއާ ދެކޮޅަށް ނެރުނު ބަޔާނާ ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާއިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ޤަރާރަކީ ވަކިކޮޅަކަށް ޖެހިފައިވާ، ހަޤީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޤަރާރެއް ކަމަށެވެ. އަދި އަސްލެއް ނެތް ތުހުމަތުތަކެއް ދިވެހި ސަރުކާރާ މެދު ކޮށްފައިވާ ކަމަށް ބުނެ،ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ ބާރު ކަނޑުވާލަން ވިލާތުގެ އިއްތިޙާދުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ފާއިތުވި އަހަރުތަކުގައި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، އަދި ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވިލާތުގެ އިއްތިޙާދުގެ ޤަރާރުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ވިލާތުގެ އިއްތިޙާދުގެ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އެވަފްދުން އައިސް ރާއްޖޭގެ ކަންކަން ހުރި ނެތް ގޮތް ބަލަން ފުރުސަތު ލިބިފައި އޮވެމެ، ކުއްލިއަކަށް މިހާރު މިފަދަ ޤަރާރެއް ނެރުމުގެ މަޤްޞަދާ މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފައެވެ.
ވިލާތުގެ އިއްތިޙާދުގެ ބަޔާނާ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، ކުރިއަށް އޮތްތަނުގައި ވެސް އެއިއްތިޙާދާ އެކު މަސައްކަތްކުރާނެ ކަމަށް ބުނެފައި ވެއެވެ. ސަރުކާރުގެ ބަޔާން ނިންމާލާފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ ވާހަކަތަކަށް ގޮވާލާ ކަމަށް ބުނަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ވާހަކަތައް އަވަހަށް ކުރިއަށް ގެންދިޔުމަށް ވިލާތުގެ އިއްތިޙާދުން މިއަދު ފާސްކުރި ޤަރާރުގައި ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ވިލާތުގެ އިއްތިޙާދުގެ ބަޔާނަށް ރައްދުދީ ސަރުކާރުން ބަޔާނެއް ނެރެ، އެޤަރާރު ދޮގުކުރިއިރު، އެޤަރާރުގައި ހުރީ އަސްލެއް ނެތް ކޮން ވާހަކައެއް ކަމެއް ސަރުކާރަށް ހާމަކޮށްދެވިފައެއް ނުވެއެވެ. އީޔޫގެ ޤަރާރުގައި ގޮވާލާފައިވަނީ ރާއްޖޭގެ ސިޔާސި މަސްރަހުގައި ފަހަކަށް އައިސް ހިނގަމުންދާ އެކިއެކި ކަންކަމަށް ރިޢާޔަތްކޮށް، ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ލިބިދިނުމަށެވެ. އަދި އެކަންކަން އިސްލާހްކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުގެ ވެރިންނާ މެދު ފިޔަވަޅު އެޅުމާއި ރާއްޖެ އަށް ޔޫރަޕުން ޓުއަރިސްޓުން ނައުމަށް ގޮވާލާފައި ވެއެވެ.