ހއ. ހޯރަފުށީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު އަތުލައިގެންފިއެވެ.
ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮަޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުުންހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ 3 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ. މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.