ނުވަރަށެއްގައި 104 މިއަނަށް ވުރެ ގިނަ ރުފިޔާގެ ނަރުދަމާ ނިޒާމުގެ ލޭބަރ ކޮންޓްރެކްޓް މަސައްކަތުގެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.
ޝީ ބިލްޑިންގގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު އަދި ރ. މާކުރަތުގެ ނަރުދަމާގެ ލޭބަރ މަސައްކަތް ޙަވާލުކޮށްފައި ވަނީ ޕުއިރިޓަސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 73,951,043.46 (ހަތްދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ހާސް ސާޅީސް ތިން ރުފިޔާ ސާޅީސް ހަ ލާރި) އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ. އަދި ޕުއިރިޓަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރަޖިތާ ކަރިޔަވަސަނެވެ.
ރ. ރަސްމާދޫ، ހއ. އުތީމު އަދި ނ. ލަންދޫގެ ނަރުދަމާގެ ލޭބަރ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 30,916,119.57 (ތިރީސް މިލިއަން ނުވަލައްކަ ސޯޅަ ހާސް އެއް ސަތޭކަ ނަވާރަ ރުފިޔާ ފަންސާސް ހަތް ލާރި) އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤްއެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަހުމަދެވެ.
މި މަޝްރޫޢުގެ ލޭބަރ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެގެ ތެރޭގައެވެ.