ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަ ހުށަހެޅުމަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފިއެވެ.
ބުދަ ދުވަހު ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ހިލޭ ގުޅޭ ނަމްބަރު ޢިފްތިތާޙް ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އަޒްލީން ވިދާޅުވީ މި ޓޯލް ފްރީ ނަމްބަރަކީ ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމަށް ޤާއިމްކުރެވިގެންދިޔަ ރަނގަޅު ޚިދުމަތެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ބައިނަލް އަޤްވާމީ ކޮންމެ ނެޓްވޯކަކުން އިތުރު ޗާރޖަކާ ނުލާ ގުލާލެވިގެން ދާނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ތިބެގެން ވެސް ޓްއަރިސްޓް ޕޮލިސް އަށް ގުޅައިގެން ޝަކުވާ އާއި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބެގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިއަދު މި ނަމްބަރުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ޓްއަރިސްޓް ޕޮލިހަށް ގުޅާލެވި، އެހީތެރިކަން ހޯދޭނޭ ގޮތް ޤާއިމް ވެފައި ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ޓޯލް ފްރީ ނަމްބަރަކީ ދިރާގު ނަންބަރުތަކާއި އުރީދޫ ނަމްބަރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ކޮންމެ ނެޓްވޯކަކުން ހިލޭ ގުޅޭނެ ނަމްބަރެކެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފޯނުތަކަށް މިނަމްބަރު އެސްއެމްއެސްއަކުން ދާގޮތަށް ހަމަޖެހިފައިވާއިރު ނަންބަރު ފެންނާނޭހެން އެއަރޕޯޓްގެ އެކި ސަރަޙައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ ބައެއް އޮފިސަރުންނާއި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ އިސްވެރިންނާއި ޓުއަރިސްޓް ޕޮލިސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޓުއަރިޒަމް މިނިސްްޓްރީ އާއި އުރީދޫ އަދި ދިރާގުގެ އިސްވެރިން ބައިވެރިވިއެެވެ.