ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ޓީޗަރުންނަށް އުޅެންޖެހިފައި ވަނީ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ މި އަހަރުގެ ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "މިނިވަންކަމާއެކު އުނގަންނައިދިނުން – ޓީޗަރުން ބާރުވެރިވުން" ކަން ފާހަގަ ކޮށްފަ އެވެ. އެ ޕާޓީން ބުނީ މި ޝިޢާރުގެ ދަށުން ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މުދައްރިސުން އުނގަންނައިދިނުމުގައި މަސައްކަތްކުރަން ޖެހިފައިވަނީ ބިރުވެރި މާޙައުލެއްގައި ކަމަށެވެ.
އެމްޑީޕީއިން ބުނީ ޓީޗަރުންނަށް މަސައްކަތް ކުރަން ޖެހިފައި ވަނީ މަޖުބޫރުކުރުން ތަކެއްގެ ތެރޭގައި ކަމަށާއި ވެރިން ނުރުހިދާނެތީ، ނުވަތަ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރަށްޓަކައި ފަންނީ ގޮތުން ފާޅުކުރަން ޖެހޭ ޚިޔާލާއި ފިކުރު ފާޅު ނުކޮށް ކަމަށެވެ. އަދި ޢިލްމީ ގޮތުން ދަރިވަރުންގެ ކަންކަން ގެންދަން ވާނެ ކަމަށް ޓީޗަރުންނަށް ފެންނަ ގޮތް ހާމަ ނުކޮށް، މަސައްކަތް ކުރަން ޖެހިފައިވަނީ "ބަސް އަހައިގެން" ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ސްކޫލްތަކުގެ ފަންނީ ކަންކަން ވެސް ހިންގަނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީއިން ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ސާނަވީ މަރުހަލާގައި ތިބޭ ކުދިންގެ ތެރެއިން ކިޔެވޭނެ ކުދިންނާއި ނުކިޔެވޭނެ ކުދިން، ގްރޭޑް 8 ގެ ފުރަތަމަ ޓާރމްގެ ޓެސްޓަށް ބަލައި ކަނޑައަޅައި ސްކޫލުތަކަށް އަންގަނީ މިނިސްޓްރީގައި ތިއްބަވާ ސިޔާސީ ބޭފުޅުން ކަމަށެވެ. އަދި ސާނަވީ ތަޢުލިމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާން ޖެހޭ ކުދިންނާއި ބައިވަރި ނުކުރަންވީ ކުދިން އަންގަނީ ވެސް ސިޔާސީ ބޭފުޅުން ކަމަށެވެ.
ދިވެހިބަހާއި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުންގެ ލަފައެއް ނުހޯދައި، އެތައް ކުދިބަޔަކު އިސްލާމް އަދި ދިވެހި އިމްތިހާނު ހެދުމުން މަޙުރޫމްކޮށް ބާކީކޮށްލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީއިން ބުނީ ސްކޫލްތަކަށް ވެސް އަދި ޓީޗަރުންނަށް ވެސް މިނިވަންކަމާއެކު ފަންނީ ކަންކަން ކުރުމުގެ މާޙައުލެއް މިއަދު ރާއްޖެއަކު ނެތް ކަމަށެވެ. މި ޙާލަތުގައި ޓީޗަރުން ބާރުވެރިވަމުން ދިއުމުގެ ބަދަލުގައި ޓީޗަރުންގެ ފަންނުވެރިކަމާއި އަމިއްލަ އުފެއްދުންތެރިކަން ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށް ވަމުން ކަމަށާއި އޭގެ ނޭދެވާ އަސަރު ކުރާނީ ދަރީންނަށާއި އެންމެ ފަހުން މުޅި މުޖުތަމައަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި އެމްޑީޕީން ވަނީ ތަޢުލީމީ މުއައްސަސާތަކަށާއި އެތަންތަނުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް ބިރެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.