ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން މިހާރު ފަހިކޮށްދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މަތީ މަރުހަލާ ނިންމާ އިމްތިހާންތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭ ފުރުސަތު އިތުރުކޮށް ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު މިއަދު ފަހިކޮށްދެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްގީއާއި ފައި ހަމަވާނެ ދާއިރާތަކުން މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން ފަހިކޮށްދެވުނު ފުރުސަތުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް މަތީ ތަޢުލީމު ހާސިލް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މަތީސާނަވީ މަރުހަލާ ނިންމުމަށް ފަހު ލިބެންހުރި ފުރުސަތުގެ ބޭނުންހިފައި އާއިލާއާއި ގައުމަށް ޚިދުމަތްކުރާ އުފެއްދުންތެރި ފަހުރުވެރި ދިވެހި ދަރިއަކަށް ވުމަށް ހުރިހައި ދަރިވަރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.