މާލޭ ސިޓީއަށް ކަރަންޓްގެ ހިދްމަތް ދެމުންދާ ސްޓެލްކޯގެ ދަރިނި މިވަގުތު ވެސް 1.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ސްޓެލްކޯ ހިންގަމުންދިޔައީ ގެއްލުމުގައި ކަމަށް ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި މައުލޫމާތު ދެއްވަމުން ޒުހޫރު ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯއަށް، ކޮންމެ އަހަރަކު ވެސް 100 މިލިއަން ރުފިޔާ ގެއްލުން ވަމުންގޮސްފައިވާ ކަމަށެވެ. އަދި ދެ ބިލިއަން ރުފިޔާގެ އެސެޓްސް ހުރި އިރު މިވަގުތު ސްޓެލްކޯގެ ގެއްލުން 1.6 ބިލިއަން ރުފުޔާއަށް އަރާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ މާލެ ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަލު ކުރުމަށް ސަރުކާރުން ލޯން ދެމުންދާ ކަމަށާއި ނަމަވެސް އެ ލޯންތައް ސްޓެލްކޯއިން ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ.
"ސަރުކާރުން ކުރާ އިންވެސްޓްމަންޓްތައް އަނބުރާ ދެއްކޭނެ ގޮތެއް ނެތް. ސަބަބަކީ ސްޓެލްކޯއަށް ލިބޭ ރެވެނިއުގެ 70 ޕަސެންޓް ޚަރަދު ކުރަންޖެހެނީ ތެލަށް. އަނެއް 15 ޕަސެންޓް ޚަރަދު ކުރަނީ މެއިންޓެނަންސްއަށް، 10 ޕަސެންޓް މުވައްޒަފުންގެ މުސާރައަށް، އޮފީސް ހިންގުމުގެ ޚަރަދަށް 05 ޕަސެންޓް ޚަރަދު ވެގެންދާއިރު ސްޓެލްކޯގައި އެއްޗެއްނޯވެ."
ޒުހޫރު ވިދާޅު ސްޓެލްކޯއިން މާލެ ސިޓީގެ އިތުރުން މާލެ ކައިރި 35 ރަށެއްގައި ކަރަންޓްގެ ހިދްމަތް ދެމުންދާ ކަމަށެވެ. އަދި ސްޓެލްކޯއަށް އެންމެ ބޮޑަށް ގެއްލުން ވަމުންދަނީ އެ ރަށްތަކަށް ކަރަންޓްގެ ހިދްމަތް ދޭއިރު ދެކޮޅު ނުޖެހޭތީ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މާލެއަށް އެކަނި ބަލާކަމަށްވާނަމަ އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭ، އޮޕަރޭޝަންލް ޚަރަދުތަކާއެކު އެހެންނަމަވެސް އެއީ އިންވެސްޓްމަންޓްތަކަށް ކުރާ ޚަރަދު ނުލާ ކަމަށްވަންޏާމު. އެހެންނަމަވެސް ދެންހުރި ހުރިހާ ރަށްތަކަށް ބަލާއިރު، ކ. އަތޮޅުގެ ރަށްތައް ފިޔަވާ ދެންހުރި ހުރިހާ ރަށަކުން ވަނީ ގެއްލުން،" ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދްމަތުގެ އަގު، މާލެއަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭ އަގަށްވުރެ ބޮޑު ކަމަށާއި މާލެއަށް އަގުހެޔޮކޮށް ކަރަންޓްގެ ހިދްމަތް ދެވެނީ ބޭނުންކުރާ މީހުންގެ އަދުދު ގިނަ ކަމުން ކަމަށެވެ.
"މާލެ އަތޮޅާއި މާލެއާއި މާލެ ކައިރީ ހުރި ރަށްރަށުގެ ތެރެއިން ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ ރަށަކަށް ކަރަންޓްގެ ހިދްމަތް ސްޓެލްކޯއިން ފޯރުކޮށްދެން. މާލެއާއި އެހެން ރަށްތަކާއި އަޅާބަލާއިރު މާލޭގައި އެކަށީގެންވާ ހެޔޮ އަގެއްގައި ހިދްމަތް ފޯރުކޮށްދެނީ. އެއީ ގާތްގަނޑަކަށް 30 ޕަސެންޓްގެ ހެޔޮވުމެއް. އެހެންނަމަވެސް މާލެ ރީޖަންގައި އެ އަގުހެޔޮވުމެއް މިއުޅެނީ އިކޮނޮމީ އޮފް ސްކޭލަށް ބެލީމަ. އެއީ މާލޭ ރީޖަންގައި އެބައުޅޭ އެއްލައްކައަށް ވުރެގިނަ ކޮންސިއުމަރސް. އެހެން ގޮތަކަށް ބުނާނަމަ 50،000 ނުވަތަ 40،000 މީޓަރު. އަނެއް 10،000 މީޓަރު ހުރީ ރަށްތަކުގައި،" ޒުހޫރު ވިދާޅުވި އެވެ.
މީގެއިތުރުން ޒުހޫރު ވިދާޅުވީ ސްޓެލްކޯއިން މާލެ ސީޓީއަށް އެކަނި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭނަމަ ކުންފުންޏަށް ފައިދާ ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.