މާރާމާރީ އާއި މީހުން މެރުން އިތުރުވަމުންދާއިރު، އެކަން ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ، ގުޅިފައިވާ ޕާޓީތަކުން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
"ރަޙުމެއްނެތް ޤަތުލުތައް" ގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ (މިރޭ) މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ގުޅިފައިވާ ޕާޓީތަކުން ޖަލްސާކުރާ މައި މާލަމެއްގެ ގޮތުގައި ބޭނުންކުރާ މާފަންނު ކުނޫޒުގައެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ އެ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން މިވަގުތު ޖަލްސާގައި ބައިވެރިވެވޭ ގޮތަށް ހުންނެވި، ޕީޕީއެމްގެ އިންތިޚާބީ ރައީސް، އަދި ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 21:15 ގައެވެ.
މާރާމާރީ އާއި މީހުންމެރުން އިތުރުވަމުންދާއިރު، އެކަން ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ، ގުޅިފައިވާ ޕާޓީތަކުން ޖަލްސާއެއް ބާއްވަން ނިންމިއިރު، މި މައްސަލައިގައި ބުދަދުވަހުގެ ރޭ އެފަރާތްތަކުން ވަނީ ޕެނަލް މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.