ބުދަ ދުވަހުގެ ހަވީރު ހުޅުލެ އަށް ޖައްސަން އުޅެނިކޮށް ވެއްޓުނު، މޯލްޑިވިއަންގެ ސީޕްލޭން މިހާރު މޫދުން ނަގާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ މި ބޯޓު ވެއްޓުނީ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ އެެއް ފިޔަގަނޑު މޫދުގައި ޖެހި އަރިއަޅާލައިގެންނެވެ. މޯލްޑިވިއަންގެ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ބޯޓު ހެދުމަށްޓަކައި މިހާރު މޫދުން ނަގާފައިވާ ކަމަށާއި އެ އަށް ލިބިފައިވާ ގެއްލުމުގެ އަގު އަދި ނޭނގޭ ކަމަށެެވެ.
ނިޔާމަ ރިސޯޓުން ފުރައިގެން ގޮސް ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ 18 މީހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ. އެހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެމްއެންޑީއެފްއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީން މި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.