މާރާމާރި ހިންގައި މީހުން މަރަމުންދާއިރު، އެކަން ނުހުއްޓުވެނީ ސަރުކާރުން އެކަން ޕްރޮމޯޓް ކުރާތީ ކަމަށް މަޝްޙޫރު ޤާނޫނީ ވަކީލު އަލްއުސްތާޒް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ބުދަ ދުވަހުގެރޭ ބޭއްވި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން، ފުރާނައަށް ނުރައްކާވާފަދަ ވަޅީގެ ހަމަލާއެއްގެ ޝިކާރައަކަށް މީގެ ކުރިން ވެފައިވާ މަހްފޫޒް ވިދާޅުވީ، މާރާމާރީ އާއި ގޭންގު ކުށްތައް އިތުރުވެ، ހައްދުން ނައްޓައިގެންގޮސް، އެންމެ 3 އަހަރު ތެރޭގައި ތިރީހާއި ގާތްކުރާ އަދަދަކަށް މީހުން މަރާފައިވާއިރު، އެކަން ހުއްޓިފައި ނުވަނީ، ސަރުކާރުން މާރާމާރީ އާއި ގޭންގުކުށްތައް ޕްރޮމޯޓް ކުރާތީ ކަމަށެވެ.
މާރަމާރީ ހުއްޓުވުމަށް ސަރުކާރު ފުރިހަމައަށް މަސައްކަތް ކުރާ ކަމަށާ، ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، މަރާމާރީ ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވާ މަހްފޫޒް ވިދާޅުވީ، ހޯމް މިނިސްޓަރ މަސައްކަތް ކުރައްވަނީ މާރާމާރީ ނުހުއްޓުވިގެން އުޅެނީ ޤާނޫނުގައި ހުރި މައްސަލައަކުން ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ.
ހޯމް މިނިސްޓަރު ރައްޔިތުންނަށް އެ މަންޒަރު ދެއްކެވި ނަމަވެސް، ކަން އޮތީ އެހެން ނޫން ކަމަށާ، ރާއްޖޭގައި މާރާމާރީ ހުއްޓުވުމަށް ހަދާފައިވާ ޤާނޫނުތައް ހުރީ ސަލާމަތީ ޚިދުމަތްތަކަށް އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ފަހިވާ ގޮތަށް ކަން މަހްފޫޒް ވިދާޅުވިއެވެ.
އެގޮތުން މާރާމާރީތަކުގެ މައްސަލައިގައި ހައްޔަރުކުރާ މީހުންނަށް، އެހެން ކުށްވެރިންނަށް ލިބިދޭ ބައެއް ޙައްޤުތައް ނުލިބޭއިރު، ޝަރުޢީ މަރުހަލާގައިވެސް އެފަރާތްތަކާއިމެދު ތަފާތުކޮށް ކަން ކުރުމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާކަން މަހްފޫޒް ފާހަގަކުރެއްވިއެވެ. އަދި ހަމަ މިއާއި އެކު މާރާމާރީ އާއި ގޭންގު ކުށްތައް ހުއްޓުވުމަށް ސިފައިންގެ އެހީތެރިކަން ހޯދުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިދީފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މާރާމާރީ ނުހުއްޓުވިގެން އުޅެނީ ޤާނޫނުތައް ތަންފީޒު ކުރަން ތިބި ފަރާތްތަކުގެ އިހުލާސްތެރިކަން ނެތިގެން ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ، ޒުވާނަކު ކުށަށް އަރައިގަތުމުން، އޭނާ "ޓޫލް" އެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރާ ކަމަށެވެ.
"ޒުވާނަކު ކުށްކުރާތަން ފެނުނީމަ އޭނައަކީ ޓޫލްއެއް ކަމަށް އެބަ ސިފަކުރެވޭ. ސަރުކާރުގެ ހިންގަންތިބި، ނަން ކިޔާފަ، މުޖުތަމައުގެ ތެރޭގަ އެމީހުންގެ ނަން ކިޔާފަ އެބަ ވާހަކަ ދައްކާ. މިވެނި މިވެނި މީހެކޭ ތިބައި ކޮންޓްރޯލް ކުރަނީ، ތި ކަންމަތި ކޮންޓްރޯލް ކުރަނީ މިވެނި ވަޒީރެއްގެ ގާތް މިވެނި މީހެކޭ. މިލެވަލްގަ އަޅުގަނޑުމެންގެ ތެރޭގަ އެބަ ހާމަ ކަމާއެކު ވާހަކަ ދެކެވޭ. އެހެންވީމަ ސަރުކާރުގެ މިމީހުން (ކުށްވެރިން) ކޮންޓްރޯލްކޮށް، މަތަކުރުމުގެ ވިސްނުމެއް ނެތްކަން. އޭގެ ބަދަލުގަ އަޅުގަނޑަށް ފެންނަޏީ ބިރުވެރި މާހައުލެއް އުފައްދާފަ ބާއްވައިގެން ސަރުކާރުން ބޭނުންވާ އެހެނިހެން މަގުސަދުތައް ހާސިލްކުރުމަށް އެބަ އެކަން ފަހިވޭ" މަހްފޫޒް ވިދާޅުވިއެވެ.
މި މައުލޫޢުގައި ވާހަކަ ދައްކަވަމުން މަހްފޫޒް ވަނީ ސިޔާސީ ފަރާތްތަކާއި ގޭންގުތަކުން ކުށްކުރުވުމަށް ކުޑަ ކުދިންނާއި ކުށުގެ ވެއްޓަށް އަލަށް ވަންނަ ކުދިން ހަމައެކަނި ކުށްކުރުމަށް ބޭނުންކުރަ އާލާތެއްގެ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރައްވާ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފުލުހުންނާއި ސިފައިން ބޭނުންވުމުން، ޤާނޫނު ހުއްދަ ކުރިޔަސް، ނުކުރިޔަސް، ނުވާކަމެއް މި ޤައުމުގައި ނެތް ކަމަށާ، އެހެންކަމުން މާރާމާރީ އާއި ޤަތުލުއާންމު ނުހުއްޓުވެންވީ ސަބަބެއް ނެތްކަމަށް މަހްފޫޒް ވިދާޅުވިއެވެ.