ރައީސް ޔާމީންގެ މިވޭތުވެ ދިޔަ 3 އަހަރު ތެރޭގައި 29 މީހުން މަރާލާފައި ވުމުން ދޭހަވަނީ ރާއްޖޭގައި ޒަމާނުންސުރެ އޮތް އަމާންކަން ގެއްލި މުޖުތަމައު ވަރަށް ބޮޑަށް ބިރުވެރިވެއްޖެ ކަމަށް ކަމުގައި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން "ތިން އަހަރު ތެރޭ 29 މަރު" ގެ ނަމުގައި މ ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ދިވެހި މުޖުތަމައުއަކީ ވަރަށް ކުޑަ އެންމެން ދަންނަ އެންމެން އެންމެންނަށް ވަރަށް ގާތްކޮށް އުޅެމުން އައި މުޖުތަމައެއް ކަމަށެވެ. އަދި އެމުޖުތަމައު ތެރޭގައި އޮތީ ވަރަށް އަމާން އޮމާން ކަމެއް ކަމަށެވެ.
ޝިދާތާ ވިދާޅުވީ ކުރިން ރާއްޖޭގެ މަގުތަކަކީ އަމިއްލަ ގެހާ އަމާން ތަންތަން ކަމަށާއި ނަމަވެސް މިހާރު އެކަން މުޅިން ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން މި ތިން އަހަރު ތެރޭގައި 29 މީހަކު މަރާލުމުން ދޭހަވަނީ މުޖުމަތަމުއު ވަރަށް ބޮޑަށް ބިރުވެރިވެގެން ގޮސްފައި ވުން ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މިކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުން މާބޮޑު ކަންތައްތަކެއް ކުރާތަން ނުފެންނަ ކަމަށާއި ކުށުގެ ވެށި ބަންދު ކުރުމަށް ކުރެވޭ ކަމެއް ނުފެންނަ ކަމަށެވެ. ނަމަވެސް މިކަންކަން ހައްލު ނުކުރެވިގެން އުޅޭއިރު ސިޔާސީ މީހުންގެ މައްސަލަތައް ކޯޓުތަކުންވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ފެންނަ މަންޒަރަށް ބަލާއިރު ސިޔާސީ މީހުންގެ ކަންކަމުގައި މުއައްސަސާތަކުން ވެސް އުޅޭކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
ޝިދާތާ ވިދާޅުވީ ސަރުކާރުން އަބަދުވެސް އުޅެނީ ރައީސްގެ އަމިއްލަ ޕްރޮޕެގެންޑާ ފޮނުވުމަށް ކަމަށެވެ. ޒުވާނުންނަށް ހިންގާ ކަންކަމުގެ އެއްވެސް ޕްލޭނެއް ނެތްކަމަށާއި ޒުވާނުންނަށް ކުރިމަތިވާ އެމައްސަލަތައް މިހެން ވުމަކީވެސް އެކަމުގެ ހެއްކެތް ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މޮޓޯ ކަމުގައިވާ ޕްރޮޓެކްޓް އެންޑް ސަރވް އާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށާއި އެއްވެސް މީހަކަށް އޭނާ ބޭރަށް ނުކުމެއްޖެ ނަމަ އެނބުރި ރައްކާތެރިކަމާއެކު ގެއަށް ވަދެވިދާނެ ކަމުގެ ޔަޤީން ކަމެއް މިއަދު ނެތް ކަމަށް ސިދާތާ ވިދާޅުވިއެވެ..