ބްރޯޑްކާސްޓިންގ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރާއިރު، އެކަމާ އުފާކުރާނެ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށް ރާއްޖެޓީވީން ބުނެފި އެވެ.
ރާއްޖެޓީވީ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިނިވަން މީޑިއާގެ މާހައުލު ރާއްޖޭގައި ބަނަވެ، އަނދިރިވެފައިވާ ކަމަށެވެ. މިނިވަން ނޫސްވެރިކަމާއި، ޑިމޮކްރަސީގެ އުސޫލްތައް ކުރިއެރުވުމުގެ އުއްމީދުގައި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރަންފެށި އެތައް ޒުވާން ނޫސްވެރިންގެ ކުރިމަގު ބަނަވެ ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދި މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމާއި، ގަވާއިދުތަކާއި، އުސޫލުތައް ކަނޑައެޅުމާއި ތަންފީޒުކުރުމެވެ. އަދި ޑިމޮކްރަސީ އާލާ ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އަދި ޒިންމާދާރުގޮތުގައި ބޭނުންކުރާ ބްރޯޑްކާސްޓަރުން އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިންވެސްޓްކުރުމަށް މަގުފަހިކޮށްދިނުމާއި، މާލީ ތަނަވަސްކަން ލިބިގަތުމަށާއި އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ހުޅުވާލުން ކަމަށް ވާއިރު އެ މަސައްކަތްތައް ކޮމިޝަނުން ކުރަމުން ނުދާކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ނޫސްވެރިކަން ހަނިކޮށް ބިރުވެރިކަން ނޫސްވެރިންގެ ހިތްތަކުގައި އުއްފަދާ، ސިޔާސީ ޕާޓީއެއްގެ ގުނަވަނެއްގެ ގޮތުގައި ކަމަށް ރާއްޖެޓީވީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަނީ ވިޔަފާރިއަށް ގެއްލުންދީ ހަލާކު ކުރުމަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މައްސަލަ ބެލުމުގައި އަދި ބޮޑެތި ޖޫރިމަނާތައް ކުރުމާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ފިޔަވަޅު އެޅުމުގައި ވެސް ހަމަހަމަ ކަމެއް ނެތް ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަމަލު ކުރަމުންދާ ގޮތުން މައްސަލަ ބަލަން ފެށުމުގެ ކުރިން މައްސަލައިގެ އަދަބު ކަނޑައަޅާފައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ހިޔާލް ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އަދި ޒިންމާދާރުގޮތުގައި ބޭނުންކުރާ ބްރޯޑްކާސްޓަރުން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކޮމިޝަން ފޭލްވެފައިވާ ކަމަށް ވެސް އެބަޔާނުގައި ރާއްޖެޓީވީން ބުނެފައިވެއެވެ.
ބްރޯޑްކާސްޓަރުން ތަރައްގީކުރުމަށް މަސައްކަތް ކުރުމާއި ފުރުސަތު ހޯދައި ދިނުމުގެ ބަދަލުގައި، ފުރުސަތު ހޯދާފައި ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން "ތަޖުރިބާ" ދަތުރު ކުރަން ކަމަށް މި ބަޔާނުގައި ބުނެ އެވެ.
އަބުރުގެ ގާނޫނުގެ ނަމުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ހެދި ގާނޫނު، ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަންފީޒުކުރަމުން ދަނީ ވެސް ސަރުކާރުން އެދޭ ގޮތަށާއި މުޅި މީޑިއާއަށް އަނދިރިކަން ގެނެސްދިން މި ގާނޫނުގައި އެތައް މައްސަލައެއް ހުރިކަމަށް ކޮމިޝަނުން ވެސް އަދި މުޅި ދިވެހި މުޖުތަމައު ވެސް ގަބޫލުކުރާ ހިނދު، މި ގާނޫނަކީ ނޫސްވެރިކަން މަރާލުމަށް ހެދި ގާނޫނެއްކަން އެނގިތިބެމެ، ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދަނީ އެއްވެސް އުސޫލެއް ގަވާއިދެއް ނެތި ކަމަށް ބުނެފައިވެ އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ކުރި ޖޫރިމަނާގެ އަދަދު ގާތްގަނޑަަކަށް ދެ މިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން 1.2 މިލިއަން ރުފިޔާއަކީ ހަމަ އެކަނި ރާއްޖެ ޓީވީ އަށް ދައްކަން މަޖުބޫރު ކުރުވި ފައިސާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްވި ހިތާބުގައި އަބުރުގެ ގާނޫނުގެ ދަށުން "ކޮމިޝަނުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި" ކަމަށް ވިދާޅުވެފައި އޮތުމަކީ، މިހާތަނަށް ކުރި ހުރިހާ ޖޫރިމަނާއަކީ ފުރިހަމަ ނުވާ، އަދި ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ކުރި ޖޫރިމަނާތަކެއް ކަން ކަށަވަރުވާ ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.އަދި ބްރޯޑްކާސްޓަރުންގެ އަތުން ނުހައްގުން ހޯދާފައިވާ އެ ފައިސާ ހާމަކޮށް ދިނުމަށް ދައްކާނެ އިތުރު ހެއްކެއް އެ ކޮމިޝަނުގައި ނެތް ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، މުޖުތަމައުގެ އިސްލާހަށާއި އިންސާފަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ބްރޯޑްކާސްޓަރުންނަށާއި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮމިޝަންގެ ރައީސް ޝަހީބު ނަސޭހަތްތެރިވެ ވަޑައިގެންނެވިއިރު، ކޮމިޝަންގެ މެމްބަރުން ނިންމާ ނިންމުންތައް ޒާތީވެފައިވާ ކަމަށް ރާއްޖެޓީވީން ބުނެ އެވެ. އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ 1.2 ޖޫރިމަނާކޮށްފައި ވާއިރު، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނިވަލުގައި ތިބެ ބައެއް ޗެނެލްތަކުން ފާޅުގައި މީހުންގެ އަބުރަށް އަރަގައިތުމަށް ފުރުސަތު ތަނަވަސް ކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް، ފޮޓޯ އެކޮޅުކޮޅުން ޖެހިޔަސް، ހަޖޫ ޖަހާ ކާޓޫނު ދެއްކިއަސް، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ދެއްކިޔަސް އެފަދަ ޗެނެލްތަކުގެ ކުރިމަތީގައި ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ވާގި ނެތިފައިވާ މުއައްސަސާއެއްކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.
މީގެ އިތުރުން ކޮމިޝަންގެ ބައެއް މެމްބަރުން ސިޔާސީ ކެމްޕޭންތަކުގައި ހަރަކާތްތަކުގައި ބައިވެރިވެ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވަމުން ގެންދަވާއިރު، އެ މަންޒަރުތައް ފެންނާނެ ލޯތައް މި މުޖްތަމައުގައި އުޅޭކަން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ގަބޫލު ކުރައްވަންވާނެ ކަމަށްވެސް ރާއްޖެޓީވީން ބުނެ އެވެ