މިދިޔަ ޖުލައި މަހު ރާއްޖޭގައި 280 ވަރި ކޮށްފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޑީޖޭއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު 225 ވަރި ކޮށްފައިވެ އެވެ. އެހެން ކަމުން މިއީ 24 ޕަސެންޓްގެ އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރީގެ އަދަދު މިދިޔަ ޖުލައި މަހާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިގައި 411 ކައިވެނި ކޮށްފައިވެ އެވެ. އަދި މިދިޔަ ޖުލައި މަހު 556 ކައިވެނިކޮށްފައިވެ އެވެ.
މީގެ އިތުރުން ޑީޖޭއޭ އިން ކުރިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރީގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.
ރާއްޖޭގައި ވަރި މަދު ކުރުމަށް ކޯޓުތަކުން ވެސް ހޭލުންތެރިކުރުމަށް ފެމިލީ ކޯޓުން އެކި ޕްރޮގުރާމްތައް ހިންގަ އެވެ. ނަމަވެސް އަހަރުން އަހަރަށް މި އަދަދު ދަނީ އިތުރުވަމުން ކަން ފާހަގަކުރެވެ އެވެ.