ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނުވަތަ މާލެ ސިޓީއަށް ފެނާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދޭ އަގުގައި ފޯރުކޮށްދެވެން އަދި ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ރަށްރަށުގެ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ބޮޑުކަމުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމާބެހޭ އިދާރާތުގެ އިސްވެރިން ވިދާޅުވީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ ޚިދްމަތް ފޯރުކޮށްދިނުމުގައި ޚަރަދު ބޮޑުވުމާއި ޚިދްމަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވުން ކަމަށެވެ.
ކޮމެޓީގެ މި ބައްދަލުވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދްމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނުވަތަ މާލެ އާ އެއް އަގެއްގައި ޚިދްމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށްވިދާޅުވެ، މުއައްސަސާތަކުގެ އިސްވެރިން މައިގަޑު ގޮތެއްގައި ވިދާޅުވީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދްމަތް ފޮރުކޮށްދިނުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭއިރު، ހިދްމަތް ބޭނުންކުރާ މީހުންގެ އަދަދުވެސް މަދުކަމުން ކުރަންޖެހޭ ޚަރަދާއި ލިބޭ އެއްޗަކާއި ދެކޮޅު ނުޖެހި ގެއްލުންވަމުންދާ ކަމަށެވެ.
އައްޑޫ ސިޓީއަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށާއި އެކަމަކު މާލެ ސިޓީގެ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގަށް ވުރެ އައްޑޫ ސިޓީގެ ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު ބޮޑު ކަމަށް ވިދާޅުވެ ބައެއް މެމްބަރުން އެކަން ފާހަގަ ކުރެއްވުމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މާލެ ސިޓީގައި ފެނާއި ކަރަންޓްގެ ހިދުމަތުގެ އަގު ހެޔޮވެފައިވަނީ ބޭނުންކުރާ މީހުންގެ އަދުދު ގިނަ ކަމުން ކަމަށްވިޔަސް އައްޑޫ ސިޓީގެ އާބާދީ ރާއްޖޭގެ އެހެން ރަށްރަށުގެ އާބާދީއާ އަޅާބަލާއިރު ބޮޑުނަމަވެސް އައްޑޫ ސިޓީއަށް ވަކި އަގެއް ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެއްހަމައަކަށް އަގުތައް ގެނެސް ހިދްމަތް ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ ބަލަމުން ކަމަށް މިނިސްޓްރު ތޯރިގް ވިދާޅުވި އެވެ.
ސްޓެލްކޯގެ ސީއީއޯ ޒުހޫރު ވިދާޅުވީ ސްޓެލްކޯ ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. ޒުހޫރު ވިދާޅުވީ ސްޓެލްކޯއިން މާލެސިޓީގެ އިތުރުން މާލެ ކައިރި 30 ވަރަކަށް ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭ ކަމަށެވެ.
ނަމަވެސް ޒުހޫރު ވިދާޅުވީ ސްޓެލްކޯއިން ހަމައެކަނި މާލެ ސިޓީއަށް ކަރަންޓް ހިދްމަތް ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި ނަމަ ސްޓެލްކޯއަށް ފައިދާވާނެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ ފެނަކަ ހިންގަނީ ވެސް ގެއްލުމުގައި ކަމަށެވެ. ޝަރީފް ވިދާޅުވީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދްމަތް ދިނުމުގައި ޚަރަދު ބޮޑު ކަމަށެވެ. އަދި ކުރިން ހުރި އިންޖީނުގެތަކާއި ޖަނަރޭޓަރުތަކާއި ނެޓްވޯކްތައް ބަދަލުކޮށް އަޕްގްރޭޑް ކުރަން ޖެހުމަކީ ވެސް ކުންފުނީގެ ޚަރަދު ބޮޑުވެގެންދިޔަ ކަމެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވީ އެ ކުންފުނި ހިންގަނީ ފައިދާގަ ކަމަށެވެ.
ފެންބިލުގައި މީޓަރު ފީގެ ގޮތުގައި ނަގަމުން އަންނަ މަހު ފީ 30ރ މިހާ ދުވަސް ވީއިރު ވެސް ނަގަނީ ކީއްވެތޯ މެމްބަރަކު ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ އެ ފީ ނަގާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނިން ފޯރުކޮށްދޭ ހިދްމަތުގެ ފެންވަރު އިތުރަށް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
ކޮމެޓީގެ މި ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިން މަޝްވަރާ ކުރެއްވި ނަމަވެސް ރަށްރަށުގެ ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު ހެޔޮ ކުރެވޭނެ އަލި މަގެއް ވަނީ ނުފެނިފަ އެވެ.