އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ އެކަކުގެ ގާނޫނީ ވަކީލު ސަސްޕެންޑް ކޮށްފައި ހުރުމުން އެހެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސަސްޕެންޑް ކޮށްފައިވާތީ، ބުދަ ދުވަހަށް ތާވަލުކުރި އިބްތިދާއީ ދެވަނަ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ ދައުވާއަށް ޖަވާބުދާރީވުމެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ޝަރީއަތް ހިންގަމުންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މައްޗަށް ކަމަށްވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ސިއްރުކުރަން އެދުނީ މައްސަލައިގެ ވަކި އަޑުއެހުންތަކެކެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވީ ނަމަވެސް، ޝަރީއަތް ފަށާފައިވަނީ އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށެވެ.
އެއީ ހައިޝަމްގެ އިތުރުން، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.
މި ހަ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދައުވާ ކުރި ހަތް ވަނަ މީހާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދު އާއި އިސްމާއީލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން އިސްމާއީލް އަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.
މި މައްސަލައިގައި ހިމެނޭ ޒިހާން އާއި ހައިޝަމް ފިޔަވައި ދެން ތިބި އެންމެން ތިބެނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް(އެމްސީއެސް) ގެ ބެލުމުގެ ދަށުގަ އެވެ. ހައިޝަމް އާއި ޒިހާން ބަންދުކޮށްފައިވަނީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. އަދި އެ މީހުން ޔާމީން މަރާލާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.