ސްރީ ލަންކާގައި ހުންނަވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ޕާސްޕޯޓް އަނެއްކާ ވެސް ހިފަހައްޓައިފި އެވެ.
ޕާސްޕޯޓް ހިފަހެއްޓި އިރު މަހުލޫފް ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ލަންކާގަ އެވެ. މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
މަހުލޫފްއާއި އިތުރު މެންބަރުންތަކެއްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހެއްޓީ އޯގަސްޓް މަހުގެ ކުރީކޮޅު އެވެ. އެއިރު އެއް މަސް ދުވަހަށް ޕާސްޕޯޓް ހިފަހެއްޓިއިރު، މުއްދަތު ހަމަވުމުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާސްޕޯޓް ދޫކޮށްލި އެވެ.
ހޯމަ ދުވަހު ނެރުނު އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. މަހުލޫފް ފިއްލަވާފާނެ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
މަހުލޫފް ވިދާޅުވީ ލަންކާގައި ހުންވަނިކޮށް މާލޭގައި ދިރިއުޅުއްވާ ގެއަށް އަމުރު ހިފައިގެން އަންގާރަ ދުވަހު ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް މަސް ދުވަހަށް ޕާސްޕޯޓް ހިފަހައްޓައި އެއްވެސް ސުވާލެއް ނުކޮށް މަސް ދުވަސް ފާއިތުވިފަހުން އަނެއްކާ ތިން މަހަށް ޕާސްޕޯޓް ހިފަހެއްޓީ ބިރު ދައްކަން ކަމަށެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައިގައި އެމްއެންޑީއެފްގެ އެއްވެސް އޮފިސަރެއް ބަޔާން ނުދިނުމުން، ފަހުން ބިރުދައްކައި މަޖުބޫރު ކުރުވައިގެން ބަޔާންތަކެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ.
ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރައްކާތެރިކުރުމަށް ތިބި ސިފައިންގެ އޮފިސަރުންނަށް ހަމަލާދެއްވި ކަމުގެ ތުހުމަތު މަހުލޫފްގެ މައްޗަށް ފުލުހުން ކުރެ އެވެ.