ރާއްޖެއަށް ކުރި ދަތުރަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް އެޗްބީއޯގެ "ގޭމް އޮފް ތްރޯންސް" އިން މަޝްހޫރުކަން ހޯދި ތަރި އަދި ޔޫއެންޑީޕީގެ ގުޑްވިލް އެމްބެސްޑާ ނިކޮލައި ކޮސްޓާ ވާލްޑޫ ބުނެފިއެވެ.
ޔޫއެންޑީޕީއިން ރާއްޖޭގައި ކުރިޔަށް ގެންދާ " ޔުނައިޓް ފޯ ކްލައިމެޓް އެކްޝަން" އިފްތިތާހުކޮށް ދިނުމަށްފަހު ރާއްޖެއިން ފުރުމުގެ ކުރިން އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި ދިން އިންޓަވިއުއެއްގައި ނިކޮލައި ކޮސްޓާ ބުނެފައި ވަނީ އޭނާ ރާއްޖެއަށް ކުރި ދަތުރަކީ ވަރަށް ތަފާތު ދަތުރެއް ކަމަށާއި ވަރަށް ގިނަ ދިވެހިންނާ ދިމާވެ އެމީހުންގެ ތަޖުރިބާތަކުގެ ވާހަކަ އަޑު އިވިފައިވާ ކަމަށެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލުމަށް ދިވެހިންގެ ފަރާތުން ވެސް ހިތްވަރު ލިބިގެން ގޮސްފި ކަމަށް އޭނާ ބުނެފައިވެއެވެ.
ރާއްޖެއަށް ކުރި ދަތުރުގައި ނިކޮލައި ކޮސްޓާ ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައެވެ. އެގޮތުން ލ. މާމެންދޫއާ ލ.މާބައިދޫއަށް ދަތުރުކޮށް އެ ރަށްރަށަށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަށް ބަލާލާފައެވެ. އަދި އޭނާ ވަނީ ލ.މާބައިދޫގެ އަންހެނުންގެ ކޮމިޓީއާ ބައްދަލުކޮށް އެ ކޮމިޓީއިން އެ ރަށުގެ ޗަސްބިންތަކާއި ކުޅިތަށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަލާލާފައެވެ.
ދިވެހިރާއްޖެ އަކީ ކުޑަޖަޒީރާ ގައުމެއް ކަމަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަންނަން އުނދަގޫ ވާނެ ކަމަށާއި އެހެނަސް ދިވެހިންގެ ފަރާތުން ފެންނަމުންދާ ހިތްވަރާއި، ނުގުޑާ އަޒުމުގެ ސަބަބުން މިފަދަ މައްސަލަތަކާ ކުރިމަތިލެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ނިކޮލައި ކޮސްޓާ ބުނެފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ މަސައްކަތް ކުރަނީ ދުނިޔޭގައި މިހާތަނަށް މީހުންނަށް އުޅެވިފައިވަނީ ދެމެހެއްޓެނެވި ގޮތަކަށް ނުވާތީ ކަމަށާއި މި މަސައްކަތް މެދުވެރިކޮށް އަންނަން އޮތް ޖީލުތަކަށް ދުނިޔެއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމުގެ ފުރުސަތު ލިބިގެން ދާތީ ކަމަށެވެ.
އޭނާވަނީ މި ދަތުރުގައި ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ފަށާ " ޔުނައިޓް ފޯ ކްލައިމެޓް އެކްޝަން" ޕްރޮޖެކްޓް އިފްތިތާހު ކޮށްދީފައެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާރ އާއި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގެ ރަށްތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިފްތިތާހު ކުރެވުނު ޕްރޮޖެކްޓެކެވެ.
ޔޫއެންޑީޕީގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ އަންނަނީ ބަނޑުހައިހޫނު ކަމާއި އެކިއެކި ތަފާތު ކުރުންތަށް ނައްތާލުމުގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޔޫއެންޑީޕީއިން ހިންގާ ތަފާތު ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ.
"ގޭމް އޮފް ތްރޯންސް"ގައި މުހިންމު ރޯލެއް ކުޅެމުންދާ ނިކޮލައި ކޮސްޓާ ޔޫއެންޑީޕީގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.