ސްރީލަންކާގައި ކުރިއަށްދާ ކޮންފަރަންސް އޮފް އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި އެވެ.
މަސީހާ ދެކޮޅަށް ބަހަމުންދާ ފްލަޔާތަކުގައި ބުނެފައިވަނީ "ބިވެއާ އޮފް ދަ އިމްޕޯސްޓަރ" ނުވަތަ މަޖިލިސް ރައީސް ކަމަށް ހެދިގެން އުޅޭ މީހާއާ މެދު ސަމާލުވޭ މިފަދައިންނެވެ.
އެ ފްލަޔާތަކުގައި ބުނެފައިވަނީ މަސީހަށް ރައްޔިތުންގެ މަޖިލީހުގެ އަޣްަލބިއްޔަތުގެ ތާއީދު ގެއްލިފައިވާ ކަމަށެވެ. އަދި އަޣްލަބިއްޔަތުން ތާއީދު ނެތް ކަމަށް ނިންމާފައިވަނިކޮށް ވެސް، ސިފައިންގެ ފައުޖުތައް މަޖިލިސް ތެރެެއަށް ވައްދައިގެން މެންބަރުންނަށް އަނިޔާކޮށް ހަމަލާދީގެން ޖަލްސާތައް ބާއްވަމުންދާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމާއެކު އިދިކޮޅު ޕާޓީތަކަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާ ދެކޮޅަށް ދައުވާކޮށް، ޖިނާއީ ތަހުގީގު ހިންގަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މަޖިލިސް ޖަލްސާތަކަށް ސިފައިން ވަދެ ތިބޭ މަންޒަރާއި، އިދިކޮޅު މެންބަރުންނާއި ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އެ ފްލަޔާތަކުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ދައުވާ ކޮށްފައިވާ މެންބަރުންނާއި ޖަލަށް ލާފައިވާ މެންބަރުންގެ ފޮޓޯތައް ވެސް ހިމަނާފައިވެއެވެ.
އޭގެ އިތުރުން 45 މެންބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ޕެޓިޝަނުގެ ފޮޓޯއެއް ވެސް ހިމަނާފައިވެއެވެ.
މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހަމުންދާއިރު، ސާކްގެ ހުރިހާ ގައުމެއްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މަންދޫބުން އެ ކޮންފަރެންސްގައި ބައިވެރިވެއެވެ. އަދި މަސީހާއި، ސަރުކާރަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ މެންބަރުން ވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ކޮންފަރެންސް ބުދަ ދުވަހު ފެށިއިރު، ކޮންފަރެންސް ނިމޭނީ ހުކުރު ދުވަހު އެވެ. މި ކޮންފަރެންސް ބާއްވަނީ ކޮލޮމްބޯގައި ހުންނަ ހިލްޓަން ހޮޓަލުގަ އެވެ.