ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ކެސީނޯގެ ސާމާނުތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެސީނޯ ސާމާނު ހުރި ކަމަށް ފާހަގަކުރެވިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް އޭގެ އެއްވެސް އެއްޗެއް ދޫކޮށްފައިނުވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖެ އެތެރެކުރުން މަނާ އެއްވެސް އެއްޗެއް ކްލިއާކޮށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ކަސްޓަމްސް އިން ނުދޭނެ ކަމަށެވެ.
އިސްލާމްދީނާ ފުށޫއަރާ އެއްޗެއް ރާއްޖެ ގެނެސްފި ނަމަ އިސްލާމިކް މިނިސްޓްރީއަށް އެކަމަށް ހުށަހަޅައިގެން ކުރިއަށްގެންދާ އުސޫލުން މިކަން ވެސް ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ޝިޕްމެންޓެއްގައި ކެސީނޯ ސާމާނުތަކެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތަކެތީގެ ތަފްސީލުތައް ދަނީ ދައުރުވަމުންނެވެ.
އެގޮތުން ބިންގޯ ޕްލޭއިން ކާޑްސް އާއި، ޕޮކާ ޓޭބަލް ވޯލްޑް ސީރީސް އާއި، ބްލެކް ޖެކް ޓޭބަލް އާއި، ރަމީ އާއި، ރިންގް ޓޮސް ފަދަ ތަކެތި އެ ޝިޕްމެންޓުގައި ހިމެނޭ ކަމަށް ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވެއެވެ.
މި ހުރިހާ ތަކެއްޗަކީ ކެސީނޯއެއް ހުޅުވުމަށް ބޭނުންވާ ތަކެއްޗެވެ. މީގެ ތެރޭގައި މި ހިމެނެނީ މޭޒުތަކާއި ކުޅެން ބޭނުން ކުރާ ސާމާނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝިޕްމެންޓުގެ ކަސްޓަމްސް ޑިކްލަރޭޝަން ފޯމް ނަމްބަރަކީ އާރް 38712 އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝިޕްމެންޓުގައި ގެނައި ތަކެތި މިހާރު ހުރީ އެމްޕީއެލްގެ ޔާޑް ތެރޭގަ އެވެ. އެތަކެތި ރާއްޖެ ގެނެސްފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު އެވެ.
ކެސީނޯ ހުޅުވުމާއި ޖުވާ ކުޅުމަކީ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގައި ވެސް މަނާ ކަމެކެވެ. އެއީ ޖިނާއީ ކުށެކެވެ.