ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީތެރިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް (އެމްސީއެސް) އިން އެދިއްޖެ އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަނުން އެދިފައިވަނީ އަންގާރަ ދުވަހު އެވެ.
މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުން އެއްވެސް އެއްޗެއް ނުބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކަރެކްޝަނުން އެފަދަ ސިޓީއެއް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން އާންމުކޮށް ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން "ބޭރުގައި ހުރި މީހާ" ރާއްޖެ ގެނެސް ކަރެކްޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ރާއްޖެ ގެނެއުމަށް ވެސް ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވެއެވެ. ނަމަވެސް މިހާތަނަށް ވެސް އެކަމުގައި ކުރިއެރުމެއް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.
ގާސިމް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ސިންގަޕޫރުގަ އެވެ. ބޭސްފަރުވާ ކުރުމަށް ސަރުކާރުން ދިން މުއްދަތު ހޯމަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ބަލަނީ ގާސިމް ފިއްލެވީ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުުރުކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.