މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ހާއްސަ އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.
އެކޮމެޓީގެ ނައިބް ރައީސާ ވިރާޝާ މުހައްމަދު ވިދާޅުވީ އަންނަ ނޮވެމްބަރ މަހުގެ ތިނެންވާ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗްފައި އެ ކޮމެޓީގެ ފަރާތުން އަންހެނުންނަށް ހާއްސަކޮށްގެން އެކްސްޕޯއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި އިވެންޓުގައި އެކި ކަހަލަ މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނަން އެބޭފުޅުން އުފައްދަވާ ތަކެތި ވިއްކުމުގެ ފުރުޝަތު ލިބިވަޑައިގަންނަވާ ކަމަށް ވިރާޝާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކި މަދަނީ ޖަމިއްޔާތަކުން ދެއްވާ ޙިދުމަތްތައް، ހާއްސަކޮށް އަންހެން ބޭފުޅުންނާއި ގުޅޭ ޚިދުމަތްތަކުގެ މައުލޫމާތު އެކްސްޕޯގައި ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކީ ލާމަރުކަޒީ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމަށް އުފެދިފައިވާ، މާލޭ ސިޓީގެ 13 ދާއިރާ ތަމްސީލްކުރާ އިންތިހާބީ ކޮމެޓީއެކެވެ.