ހދ. ކުޅުދުއްފުށީގައި ޕީޕީއެމް އިން ބޭއްވި ވެހިކަލް ބުރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚަރަދުކުރި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ އެވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޯގަސްޓް 12 ވަނަ ދުވަހު ބޭއްވި ވެހިކަލް ބުރުގެ މައްސަލަ އެވެ.
އެގޮތުން ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރަށް ފައިސާ ޚަރަދު ކޮށްފައިވަނީ އެރަށުގައި ހުންނަ އެމްޕީއެލްގެ ބްރާންޗުން ކަމަށް ތުހުމަތު ކުރެ އެވެ. ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުން ކޮށްފައި ވެއެވެ.
މީގެ އިތުރުން ވެހިކަލް ބުރުގައި ބަައިވެރިވާ ކޮންމެ ކާރަކަށް ގަޑިއިރަކަށް 200ރ. ގެ ރޭޓުން ފައިސާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. ގާތްގަނޑަކަށް ދެގަޑިއިރަށް ދިގުދެމިގެންދިޔަ ސައިކަލް ބުރުގައި ހުސްކޮށް ބާއްވައިގެން ޓެކްސީ ދުއްވާލައިގެން 400 އެއްހާ ރުފިޔާ ޑްރައިވަރުންނަށް ދީފައި ވެއެވެ.
ކުޅުދުއްފުށީ ޓެކްސީ ސެންޓަރުތަކުން ގާތްގަނޑަކަށް 20 ކާރު އެ ވެހިކަލް ބުރަށް ކުއްޔަށް ހިފާފައި ވެއެވެ.
އެހެން ރަށްތަކުގައި ބޭއްވި ވެހިކަލް ބުރުތަކަށް ވެސް ސަރުކާރު ކުންފުނިތަކުން ޚަރަދުކޮށްފައިވާ ކަމަށް އެ ރަށްރަށުގެ މީހުން ތުހުމަތު ކުރެ އެވެ.