ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ބަހައްޓާފައިވާ ސްޓޭޖް އުސްކޮށްފައިވާތީ، މަޖިލިސް ރައީސް އަބްދުﷲ މަސީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރިޔާސަތުގެ މޭޒުކޮޅު ބަހައްޓާފައިވާ ސްޓޭޖް އުސްކޮށްފައިވާ ކަމަށް ބުނާ ހަބަރެއްގެ ސްކްރީންޝޮޓަކާއެކު މެންބަރު ހުސައިން އަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަސީހު ތިޔަ ހައްދަވަނީ ގޯހެއް" ކަމަށެވެ.
ހުސައިން އަރީފް ވަނީ މަސީހާ ސުވާލެއް ކުރައްވާފަ އެވެ. "ރާމާމަކުނު ވެސް ގަހުގެ މައްޗަށް އެރި ވަރަކަށް އެސޮރުގެ ފޫކޮޅު ބޮޑަށް ފެނޭ ނޫންތޯ؟" އެއްސެވި އެވެ. އެއަށްފަހު ވިދާޅުވެފައިވަނީ މަސީހު ވިޔަސް ވާނީ އެހެން ކަމަށެވެ.
Maseeh thiya hahdhavany goaheh. raamaa makunuves gahuge mahchah erivarakah esoruge fookolhu bodah feney noontho? Maseeh viyas vaanee ehen, pic.twitter.com/xDDscO6YJS
— Hussain Areef (@husainaryf) October 3, 2017
މަޖިލިސް ރިޔާސަތުގެ މޭޒުކޮޅު ބަހައްޓާފައިވާ ސްޓޭޖް އުސްކުރުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، އެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. އެ މަސައްކަތް ކުރަމުންދާތީ މަޖިލިސް އިދާރީ މުވައްޒަފުންނަށް ޗެމްބަރުގެ ތެރެއަށް ވަނުން ވެސް މަނާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރެއް ސޮއިކޮށް މަސީހުގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، ސިފައިންގެ ފައުޖުތަކުގެ އެހީތެރިކަމާއެކު މަސީހު ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބާއްވަވަމުންނެވެ. އިތުބާރުގެ މައްސަލައިގެ ވޯޓް ނުނަގައި ޖަލްސާތައް ބާއްވާތީ އިދިކޮޅު މެންބަރުން ގެންދަނީ ކޮންމެ ޖަލްސާއެއްގައި އިހުތިޖާޖު ކުރަމުންނެވެ.
މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ބެހެއްޓުމަށް ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރަން ފަށާފައިމިވަނީ، ރިޔާސަތުގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮއްޓެއް ހަދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.