ރައްޔިތުންގެ މަޖިލީހުގެ ހަތް ދާއިރާގެ ބައި- އިލެކްޝަން ނުބޭއްވިގެން އުޅެނީ ފިނޭންސް މިނިސްޓްރީއިން ބަޖެޓް ހަމަޖައްސައިނުދީގެންކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ބައި- އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނީ ދާއިރާއަކަށް ގާތްގަނޑަކަށް ދޮޅު މިލިއަން ރުފިޔާގެ ރޭޓުން ޖުމްލަ 12 މިލިއަނެއްހާ ރުފިޔާ ހަމަޖައްސައިދިނުމަށެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ފައިސާ ހަމަޖައްސައިދީފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވެސް އެކަން ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ފިނޭންސް މިނިސްޓްރީއިން ބަޖެޓް ހަމަޖައްސައިދޭނެ ކަމަށެވެ.
ބައި- އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދާއިރާތަކަކީ، މަޑުއްވަރީ ދާއިރާއާއި، ދިއްދޫ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ވިލިނގިލީ ދާއިރާއާއި ދަނގެތީ ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާ އެވެ.
އެ ދާއިރާތަކުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 78 މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ށ" ގައިވާ ގޮތުގެ މަތިން އިންތިހާބު ބާއްވަން ވާނެ ކަމަށެވެ. އަދި އެ ހުކުމުގައިވާ ބަޔާން ވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަންގާފަ އެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ 'ށ' ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭ ހާލަތުގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބޭއްވުމަށްޓަކައި އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިހާބީ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެ ކަމަށެވެ.
އެހެން ނަމަވެސް، މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިތާ ސެޕްޓެމްބަރު 19 ވަނަ ދުވަހަށް 60 ދުވަސް ފުރުނުއިރު، އިންތިހާބު ވެސް ބާއްވާފައެއް ނުވެ އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް ވެސް އިއުލާނުކޮށްފައިނުވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން އަހުމަދު އަލީ ވިދާޅުވީ ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އިންތިހާބު ބޭއްވުމުގެ އެކިއެކި މަރުހަލާތަކަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި ބައި އިލެކްޝަން ބާއްވަން ދީފައި އޮތް މުއްދަތު ފުށުއަރާ ކަމަށެވެ. އެހެންކަމުން، ބަންޑާރަނައިބުގެ ލަފާ އެކަމުގައި ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.