އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި އެވެ.
ޔާމީން މަރާލި މައްސަލައިގެ އިބްތިދާއީ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ.
މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން މައްސަލަ ސިއްރުކޮށްފައިވާއިރު، އެ އޮފީހުން ބުނީ ސިއްރުކުރަން އެދިފައި ވާނީ ބައެއް އަޑުއެހުންތައް ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލަ ލައިވް ކުރުމަށް ރާއްޖެޓީވީ އިން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެހެންނަމަވެސް، ސެޕްޓެމްބަރު 14 ވަނަ ދުވަހު ފޮނުވި ސިޓީއަށް ކޯޓުން މިހާތަނަށް ޖަވާބު ދީފައެއް ނުވެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވީ ނަމަވެސް، މިއަދު ވެސް ބާއްވަނީ އޭގެ ތެރެއިން ހަ މީހެއްގެ ޝަރީއަތެވެ.
އެގޮތުން މިއަދު ވެސް ބާއްވަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި، މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.
މި ހަ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދައުވާ ކުރި ހަތް ވަނަ މީހާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދު އާއި އިސްމާއީލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން އިސްމާއީލް އަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. އަދި އެ މީހުން ޔާމީން މަރާލާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.