އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ފަސްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހަށް އެ އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެ ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އެމްޑީޕީން ބުނީ އިންތިހާބުގައި ވޯޓުލުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 15.00 ފެށިގެން 18.00 އަށް ކަމަށެވެ.
އަދި މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 4.00ގެ ކުރިން ކަމަށްވެސް އެ ޕާޓީން ކޮށްފައިވާ އިއުލާންގައި ބުނެފައިވެ އެވެ.
އަދި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އޮންނާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މި އިންތިހާބުގައި ވޯޓުލެވޭނީ އެ ޕާޓީގެ ގޮފިތަކަށާއި ރަށް ރަށުގެ އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހަމަކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ނިޔާޒެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ދަނީ ކުރަމުންނެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހުސެއެިން ޝަހީމް ( އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު ( އެންސްޕާ ވަހީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.