ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެން މާލެ ގެނެސް ފަރުވާ ދެމުންދާ ގައިދީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް ސްޓްރޯކެއް ޖެހި، އޭނާގެ ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ޖަހާކަށްހާއިރު ކަމަށެވެ. އަދި އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ލުގުމާން ވިދާޅުވިއެވެ.
ލުގުމާން ވިދާޅުވީ މިހާރު ކުރިއަށް ދަނީ އޭނާގެ ޓެސްޓްތަކެއް ހެދުން ކަމަށެވެ.
ކަރެކްޝަންގެ ވެބްސައިޓްގައި ބުނެފައި ވަނީ ސްޓްރޯކް ޖެހިފައި ވަނީ 20 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ އުމުރުން 47 އަހަރުގެ މީހަކަށް ކަމަށެވެ. ލުގުމާން ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާއަކީ ކުޑަކުއްޖަކާ ބެހުމުގެ މައްސަލައެއްގެ ހުކުމް ތަންފީޒް ކުރަމުންދާ މީހެކެވެ. އަންގާރަ ދުވަހު އޭނާއަށް ސްޓްރޯކެއް ޖެހުނުއިރު މީގެ ކުރިން ވެސް ސްޓްރޯކެއް ޖެހިގެން ފަރުވާދީފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.