ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން ސަރުކާރަށް ރައްދު ދީފި އެވެ.
އިދިކޮޅު އިއްތިހާދުގެ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ކަމަށް ކަރެކްޝަނަލް ސާވީސް އިން ބުނާ ވާހަކައަކީ އެއްވެސް އިންސާފުވެރި ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމް ފިއްލަވައިގެން އުޅުއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލު ނުކުރާ ކަމަށެވެ.
ސަމީރު ވިދާޅުވީ ބޭސްފަރުވާއަށްފަހު އެނބުރި ރާއްޖެއަށް ވަޑައިނުގެންވި ހުރީ ކީއްވެކަން ކަރެކްޝަނަލް ސާވީސްއަށް ގާސިމްގެ އާއިލާއިންނާއި ގާނޫނީ ޓީމުން ގެންދިޔައީ ބުނަމުންނެވެ.
"ގާސިމާމެދު ސަރުކާރުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަކަށް އަޅުގަނޑުމެނަކަށް ގަބޫލެއް ނުކުރެވޭ. އަދި ޝަރުއީ ކޯޓެއްގެ ހުކުމެއް އޮތް ހިނދު އެއަށްވެސް އަމަލު ނުކުރައްވާ އަދި އޮނަރަބަލް ގާސިމް އިބްރާހިމްގެ ހިތުގެ އާލާސްކަންފުޅަށް އޮޕަރޭޝަނަކަށް، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮން، ޑޮކްޓަރުން އެދިވަޑައިގަތުމުގެ މަތީން ރާއްޖެއަށް އައުމަށް ދަތުރުނުކުރެއްވޭ ހާލަތެއްގައި ހުންނަވަނިކޮށް އެމަނިކުފާނު ވަޑައިގަތުމަށް ސަރުކާރުން ނުވަތަ ކަރެކްޝަނަލް ސާވީސް އިން އަންގަމުން ގެންދިޔައީ،" ސަމީރު ވިދާޅުވި އެވެ.
ބޭސްފަރުވާ ފުރިހަމަ ނުކުރެވުނު ނަމަވެސް ސަރުކާރުގެ އެންގުމަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ގާސިމް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ގާސިމްގެ ބޭސްފަރުވާއަށް އެކަށީގެންވާ ފުރުސަތު ދިނުމަށް އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގައި ވެސް ބުނެފައިވާއިރު ގާސިމްގެ ބޭސްފަރުވާއަށް ފުރުސަތު ނުދޭ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައިވާކަން ސަމީރު ފާހަގަ ކުރެއްވި އެވެ.
އެހެންމެ ދިވެހި ފުލުހުން މެދުވެރިކޮށް ގާސިމް ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށް ބުނާއިރު ފިލައިގެން ގޮސްފައިވާ ބޮޑެތި ކުށްވެރިން ގެނައުމަށް މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް ސަމީރު ވެސް ވިދާޅުވި އެވެ.