އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެން ހިނގާ 4 މީހަކަށް އަނިޔާވެއްޖެއެވެ. އައްޑޫ ހިތަދޫ ބޮޑުމަގުގައި އަންގާރަދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ދިޔަ ސައިކަލެއް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ ވީޑިއޯގައިވެސް ފެންނަނީ އެގޮތަށެެވެ. ގޯޅި އަޅަން އުޅުނު ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރެއިން ސައިކަލް ދުއްވަން އިން އަންހެނާގެ ބޯ ފަޅައިގެން ގޮސް މޫނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓްގައި އަނިޔާވި ބަޔަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް މިވަގުތަށް ރަނގަޅުކަމަށެވެ.
އަނިޔާވި އަންހެނެއްގެ ބޯފަޅައިގެން ގޮސް މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލެއް ރާއްޖެއެމްވީއަށް ވިދާޅުވިއެވެ. މި އެކްސިޑެންޓްގައި އަނިޔާވި އަނެއް ތިން މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ކަށަވަރު ކޮށްދިނެވެ. އެހެން ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އެނގޭނީ ޓެސްޓްތަކަށްފަ ހުކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.