ޖަމާލުއްދީން ސްކޫލްގެ މޮނިއުމެންޓް އެޅުމުގެ މަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ހުރިހާ އަންދާސީ ހިސާބުތައް ބާތިލް ކޮށްފިއެވެ.
އެ ސްކޫލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ ސްކޫލުން ދޭ ކުރެހުމަކާއި އެއްގޮތަށް ސްކޫލުގެ މޮނިއުމެންޓް ހަދަން ބޭނުންވެގެން ކުރިން ކުރި އިޢުލާނާއި ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލު ކޮށްފައިވާ ކަމަށެވެ.
ޖަމާލުއްދީން ސްކޫލުގެ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތަށް ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކުރި ނަމަވެސް، އެ މަސައްކަތަށް އަލުން ހުޅުވާލާނެ ކަމެއް ނުވަތަ ނޫން ކަމެއް އެ ސްކޫލުން ހާމަކޮށްފައެއް ނުވެއެވެ.
ޖަމާލުއްދީން ސްކޫލުން މި މޮނިއުމެންޓާއި ގުޅޭ މާބޮޑު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފަހަކަށް އައިސް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ވައްތަރުގެ މޮނިއުމެންޓްތައް ބަހައްޓައި، މޮނިއުމެންޓަށް ޚާއްސަކުރެވޭ ސަރަޙައްދުތައް ތަރައްޤި ކުރުމަށްވެސް ބޮޑު ޚަރަދުތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިހާރު ވެސް ބައެއް ކަހަލަ މޮނިއުމެންޓްތައް ބަހައްޓާފައި ވީނަމަވެސް، މި ކަމަކީ، މާލޭގެ ސްކޫލްތަކުގައި މިހާތަނަށް އާންމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ.