ފިލުއްވަފާނެ ކަމުގެ ފުރުސަތު އޮވެމެ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ފޮނުއްވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބޭސް ފަރުވާއަށް ނުފޮނުއްވީ ކީއްވެތޯ ސުވާލު ކުރައްވައި އަދީބުގެ ޤާނޫނީ ވަކީލުން ސުވާލު އުފައްދަވައިފިއެވެ.
އަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަވާފާނެ ކަމުގެ ފުރުސަތު އޮވެމެ ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ފޮނުއްވިއިރު އަދީބު ބޭސްފަރުވާއަށް ނުފޮނުއްވެވެންވީ ކީއްވެތޯ ކަމަށެވެ. އަދި އެއްވެސް މީހަކު ފިއްލަވަށް ނޫޅުއްވާ ކަމަށް ސީރާޖްުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Filāfāne kamuge furusathu oveme Qasim Ibrahim beysfaruva ah fonuvey iru Adeeb beys faruva ah nufonuvenve kēhve? Ehves mēhaku filākah nulhey.
— Moosa Siraj (@MoosesSiraj) October 3, 2017
ސިރާޖްގެ ޓްވީޓާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހުކުމް ކުރެވިފައި ތިބޭ މީސްމީހުންގެ ބޭސްފަރުވާގެ ކަންކަން މަތިކޮށްފައި އޮތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހަނު އޮވެގެން ކަމާ ނުގުޅޭ ފަރާތަކުން ދޭ ޖަވާބު ބަލައި ނުގަނެވޭނެ ކަމަށެވެ.
Hukum kurevifa thibey meehunge beysfaruvage kan kan mathikoffa oiy MCS hanu ovegen kamaa nugulhey faraathakun dhey javaabu bala eh nuganan!
— Nash (@maryam_nashwa) October 3, 2017
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.