ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން އުވާލުމުގައި ސުޕްރީމް ކޯޓުން އަމަލުކުރަމުންދާ ގޮތް ސާފުކޮށްދިނުމަށް މިހާރު ސަސްޕެންޝަންގައި ތިބި ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. އެކަން ސާފުކޮށްދިނުމަށް އެދިފައި ވަނީ ދާދިފަހުން ސަޕެންޝަނުގައި ތިބި ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލާއި ބަލާ ޝަރުތުތައް ސާފުކޮން އޮވެގެން ނޫނީ އެ ގޮތަށް އަމަލު ކުރަން ނޭނގޭނެތީ އެ ޝަރުތުތައް ހާމަކޮށްދެއްވުމަށް އެދޭ ކަމަށެވެ.
"ގާނޫނުތަކާއި ރައްޔިތުންގެ އެ މައްޗަށް އަމަލުކުރަން ޖެހޭ އުސޫލެއް ނަމަ އޮންނަންވާނީ ސާފުކޮން ލިޔެފައި އެވެ. ފެނިވަޑައިގަންނަވާ ގޮތަށް ކަންކުރުމަކީ މާ ކުރީގެ އުސޫލެކެވެ." އެ ސިޓީގައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ދާދިފަހުން ގިނަ ގުނަ ވަކީލުންތަކެއް ސަސްޕެންޑްކޮށްފަ އެވެ. އެ ޑިޕާޓްމަންޓުން ބުނެފައި ވަނީ ވަކީލުންތައް ސަސްޕެންޑް ކުރީ ޖަމާއަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، އަދުލު އިންސާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިސާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.
ސަސްޕެންޑް ކުރި ބައެއް ވަކީލުންނަށް ވަނީ ފަހުން ހުއްދަ ދީފަ އެވެ.