އެންވަޔަރމެންޓް މިނިސްޓްރީއާއި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރާ ކޮމެޓީގެ ބައްދަލުވުން ބުދަ ދުވަހުގެ 13:00 އަށް ތާވަލް ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ 08:30 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުުވުމަށް 10 މެންބަރުން ހާޒިރުވެ ވަޑައިގެން، މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މާލެ އާއި ރަށްރަށުގައި ފެނަކައިން ފޯރުކޮށްދޭ ފެނާއި ކަރަންޓާއި ފެނުގެ އަގު ބޮޑުވުމާ ގުޅޭ މައްސަލަ ކޮމިޓީގައި ދިރާސާ ކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެެ މެންބަރު އިބްރާހިމް ޝަރީފު އެވެ.
މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ އަމީންއާއްމް އަހުމަދު މުހައްމަދަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފެނާ ނަރުދަމާއަށް އިންތިޒާރުކުރާތާ އެތަށް އަހަރެއް ފަހުން ނަރުދަމާގެ ހިދުމަތް އަދިވެސް ފުރިހަމައަށް ނުދެވޭ އިރު ފެނުގެ ހިދުމަތްދޭން ފެށުމަށް މީޓަރުތައް ބެހެއްޓުމަށްފަހު ފެންޓަނަކަށް 65ރ. ރޭޓުން އެންމެ ދަށް ބޭންޑްގައިވެސް ޗާޖު ކުރުމަށް ނިންމާފައިވާކަން އަންގާފައިވާ ކަމަށެވެ. މި އަގަކީ މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ އަގަށްވުރެ ތިން ގުނަ ބޮޑު އަދަދެއް ކަަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ފެނަކީ އަސާސީ ހިދުމަތަކަށް ވެފައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ސަރުކާރަށް ދައްކާ ޓެކްސްތައް ދައްކަމުންދަނީ އެއް މިންގަނޑެއްގައި ކަމަށްވާއިރު މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާ ހިދުމަތުގެ އަގުބޮޑުވުމުގެ ސަބަބުން މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލިގެންދާ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށާއި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކުންފުންޏެއް ކަން ސާފުކޮށް އެނގެން އޮތް ހިނދު މިފަދަ ކަންކަމަށް ފައިސާ ހޯދުމަށް ބޭނުން ކުރާ ވަސީލަތަކީ ރައްޔިތުންއަތުން އަސާސީ ހިދުމަތް ދިނުމުގެ ނަމުގައި ފެނާއި ކަރަންޓަށް ބޮޑު އަގުތަކެއް ނެގުން ކަމަށްވާ ނަމަ މިކަން އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި މިހާރުން މިހާރަށް ފެނަކައިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު މާލެ އާއި އެއްވަރަށް އެހެން ރަށްރަށުގައިވެސް ކުޑަކޮށްދިނުމުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކޭ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އެ ކޮމިޓީގެ ބައްދަލުުވުމުގައި ހުރިހާ މެންބަރުން ވެސް ވަނީ އަސާސީ ހިދުމަތްތަކަކީ އަތޮޅު ތެރޭގަ އާއި މާލޭގައި އަގުގެ ގޮތުން ތަފާތު ކުރުމެއް ހުންނަންޖެހޭނެ ހިދުމަތްތަކެއް ނޫންކަން ފާހަގަކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ، ހިދުމަތްތަކުގެ އަގަށް ބަލާ އިރު އަތޮޅުތެރޭގައި ކޮންމެ ރަށެއްގައި ޖެނެރޭޓަރެއް ނުވަތަ ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމުގެ ހަރަދު ބޮޑުވެދާނެ ކަަމަށާއި އެހެން ނަމަވެސް މި ހިދުމަތްތަކަކީ އަސާސީ ހިދުމަތްތަކަށްވާތީ ސަބްސިޑައިޒް ކޮށްގެން ނަމަވެސް ހިދުމަތްތައް ފުރިހަމަ ގޮތުގައި އަގު ހެޔޮކޮށް ދޭން ޖެހޭ ކަމަށެެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެފައިވަނީ، މިއަދު މި ފެނިގެންދަނީ އަސާސީ ހިދުމަތްދޭ ކުންފުނިތައް ވެސް ބަނގުރޫޓުވުމާ ގާތްވެފައިވާ މަންޒަރު ކަމަށެވެ. ސްޓެލްކޯ އިން ވެސް ލޯންތައް ނަގައިގެން ޖަނަރޭޓަރުތައް ގެނެސް ދަރަނިވެރިވެފައިވާކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، މިފަދަ އަސާސީ ހިދުމަތްތަކަކީ މިއަށްވުރެ ރަގަޅަށް މެނޭޖު ކުރެވެން ޖެހޭނެ ހިދުމަތްތަކެއް ކަމަށެެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ، އަސާސީ ހިދުމަތްތަކަކީ ރައްޔިތުންނަށް އެއް ހަމައެއްގައި އެެއް އުސޫލެއްގައި ލިބެންޖެހޭނެ ހިދުމަތްތަކެއް ކަަމަށް ގަބޫލު ކުރާ ކަމަށެވެ. މި ސަރުކާރުން އެހެން ސަރުކާރުތަކާ ހިލާފަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ރަށްރަށުގައި އަގުގެ މައްސަލަތަކެއް އުޅުނު ކަމުގައިވީ ނަމަވެސް ނަރުދަމާ އާއި ފެނާއި ކަރަންޓްގެ ހިދުމަތްތައް ވަރަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމައްސަލައިގެ އިތުރުން ވެސް ފްލެޓްތަކާއި ގުޅޭ މައްސަލައެއްވެސް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހުށަހެޅި ދަނީ ބަލަމުންނެވެ.