ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ސިއްރު ނުކުރާހާ ހިނދަކު ޖަލްސާތައް ލައިވް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް އަންގާ ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް ފޮނުވި އެންގުމަކާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބްރޯޑްކޮމް ސަރުކާރުގެ ދަށުވެފައިވާ މިންވަރު ފެނިވަޑައިގަތުމުން ހައިރާންވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ސިއްރު ނުކުރާހާ ހިނދަކު ރައްޔިތުންނަށް މަޖިލީހުގެ ޖަލްސާތައް ފެންނަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ވަގަށް ބާއްވައިގެން ރައްޔިތުންނަށް ވަގަށް ކަންކަން ހިންގަން ޖެހޭ ތަނެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިހާރު ހިނގަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ވެސް ހިލާފަށް ކަމަށެވެ. އެހެން ކަމަުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ހިންގާ ޖަލްސާއެއް ބްރޯޑްކާސްޓް ކުރުމުގައި އޮންނާނީ ކޮން ގަވާއިދެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، މިހާރަކަށް އައިސް ބައެއް ޓީވީ ޗެނެލްތަކުން ރައްޔިތުންގެ މަޖިލީހުން ރަސްމީކޮށް ދޫކުރާ ލައިވު ފީޑު ފިޔަވައި، ވަކި ވަކި މެންބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިޔޯ ކޯލާއި ރެކޯޓިންގ ހިމެނޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ލައިވްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭކަމަށް އެކޮމިޝަނުން ބުނެ އެވެ. އަދި މަޖިލީހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަގޮތަށް ބްރޯޑްކާސްޓްކުރުން ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ފަދަ ކޮންޓެންޓަކީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދާއި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކޮންޓެންޓްކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެއެވެ.