ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފްގެ ޕާސްޕޯޓް އަނެއްކާ ވެސް ހިފަހައްޓައިފި އެވެ.
ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރައްކާތެރިކުރުމަށް ތިބި ސިފައިންގެ އޮފިސަރުންނަށް ހަމަލާދެއްވި ކަމަށް ބުނެ މެންބަރު ހުސެއިން އަރީފްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހެއްޓީ އޯގަަސްޓް 2 ވަނަ ދުވަހު އެވެ.
އޯގަސްޓް 2 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަހާ ހަމައަށް ޕާސްޕޯޓް ހިފަަހެއްޓުމަށް ނެރުނު އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހެއްޓި އެވެ. އެ މުއްދަތު ހަމަވުމުން ޕާސްޕޯޓް ދޫކޮށްލުމަށް ފަހު ކޯޓުން ވަނީ އަނެއްކާ ވެސް ޕާސްޕޯޓް ހިފަހެއްޓުމަށް އަމުރުކޮށްފަ އެވެ.
ހޯމަ ދުވަހު ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގެ ދަށުން އޮކްޓޯބަރު 2 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 1 ވަނަ ދުވަހާ ހަމައަށް މެންބަރު ހުސައިން އަރީފްގެ ޕާސްޕޯޓް ހިފަހައްޓާނެ އެވެ. އެ އަމުރުގައިވާ ގޮތުން މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ. ރާއްޖެ ދޫކޮށް ފިލަން އުޅޭކަމުގެ ތުހުމަތު ހުސައިން އަރީފްގެ މައްޗަށް ފުލުހުން ކޮށްފައިވެއެވެ.
ހުސައިން އަރީފާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެއްކަކީ ހެކިންތަކަކާއި ވީޑިއޯ ފޫޓެޖްގެ ސްނެޕް ޝޮޓްތަކެކެވެ.
ހުސައިން އަރީފް ވިދާޅުވީ ފިލަން އުޅޭ ކަމަށް ބުނެ ފުލުހުން "ބުހުތާނު ދޮގު" ހަދާތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ބޭނުންވަނީ ރާއްޖޭގައި ހުންނަން ކަމަށާއި ފިލައިގެން ތަނަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށެވެ.
"އަޅުގަނޑު މިހާރު މި ވިސްނަނީ އައިޑީކާޑު ހިފައިގެން އައިޑީ ކާޑު ޔުނިޓަށް ދޭން، ޕާސްޕޯޓް ގެންގޮސް އިމިގްރޭޝަނަށް ދޭން، އަޅުގަނޑެއް ނޫޅެން ފިލާކަށް، އެންމެ ފަހު ވަގުތު ވެސް މި ފަސްގަނޑުގައި ހުންނަން އަޅުގަނޑު އެދެނީ،" ހުސައިން އަރީފް ވިދާޅުވި އެވެ.
ޖުލައި 31 ވަނަ ދުވަހު މަޖިލީހުގައި ހިންގި ކަންތައްތައް ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އެމްއެންޑީއެފް އިންނެވެ. މަޖިލިސް ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނާ ބައްދަލުކުރައްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގައި ބަޔާން ނެގުމަށާއި ހެކީގެ ގޮތުގައި ސިފައިން ގެންދާނެ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސިފައިންނަށް ލޯޔަރުން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ހުސައިން އަރީފްގެ މައްޗަށް މި މައްސަލައިގައި ތަހުގީގެއް ހިންގާއިރު، އޭނާއާއި އިތުރު 11 މެންބަރެއްގެ މައްޗަށް ދައުލަތުން ވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.