ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިހާރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އަދަދު އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި އިތުރު 45 ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާނެ އެވެ.
އައްމުކޮށް މަޖިލީހުގެ ސެކިއުރިޓީގެ ގޮތުގައި ތިބެނީ އަށް ވަރަކަށް ސިފައިންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ސިފައިން ބޭނުން ކުރަމުން ދެއެވެ. އަދި ޖަލްސާކުރާ މާލަމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
އަންނަ ހޯމަ ދުވަހު މަޖިލީހުގެ މިހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ރިޔާސަތުގެ ގޮނޑިކޮޅާއި މޭޒުކޮޅު ބެހެއްޓުމަށްޓަކައި އުސްކޮށް ސްޓޭޖެއް ވަނީ ހަދާފަ އެވެ. އެ ސްޓޭޖް ހެދުމުގެ މަސައްކަތް ސިފައިން މަޖިލީހުގެ އިދާރާގައި ކުރަމުންދަނިކޮށް ރާއްޖެޓީވީއަށް ވަނި ފެނިފަ އެވެ.
ސްޓެޖް ހަދުމަށްފަހު، ރިޔާސަތުގެ ގޮނޑިކޮޅު ބަހައްޓަނީ ކިހާ އުސްމިނެއްގަކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ރިއާސަތުގެ މޭޒު ބަހައްޓަނީ 10 ފޫޓެއްހާ އުހުގަ އެވެ.
މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމިއިރު، އެ ޖަލްސާ މަޖިލީހުގެ ގަވާއިދާއި އާއްމު އުސޫލުން ބާއްވަން ޖެހެނީ މިމަހުގެ 2 ވީ ހޯމަ ދުވަހު އެވެ.
މަޖިލީހުގެ ފަހު ދައުރުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި ބަޖެޓާ މެދު މަޝްވަރާކޮށް ބަހުސް ކުރުމަށް ފަހު ބަޖެޓް ފާސްކުރުމެވެ.