ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކާ އެކު ޝަރޫ ލޯންޗް ސަރވިސަސް އިން ހިންގި މުއާމަލާތްތަކުން އެކުންފުންޏަށް ގެލުންވެފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ކަމަށް ބުނެ ޝަރޫ ލާންޗް ސާވިސްއިން ކުރި ދައުވާ އަނބުރާ ނަގައިފި އެވެ.
ޝަރޫ ކުންފުނިން އެމްސީބީއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ޑޮލަރުގެ މުއާމަލާތް ހިންގިއިރު އެމްސީބީން އަމަލުކޮށްފައިވާ ގޮތުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ހުކުމް ކުރުމުގެ މަރުހަލާގައި އޮއްވަ އެވެ.
ސިވިލް ކޯޓުގެ ކުރި ދައުވާ އަނބުރާ ގެންގޮސްފައިވާއިރު، ޝަރޫ ކުންފުނީގެ ދެ ހިއްސާދާރުންގެ މައްޗަށް ދައުލަތުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފަ އެވެ. އަދި އެމްސީބީގައި ބޭންކް ގެރެންޓީ ދޫކުރުމުގައި މަސައްކަތް ކުރި މުވައްޒަފުގެ މައްޗަށް ވަނީ މަކަރާއި ހީލަތް ހެދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްސީބީން ޝަރޫ ކުންފުންޏަށް ބޭންކް ގެރެންޓީ ދީފައިވަނީ އެކައުންޓުގައި ފައިސާ ނެތީހެވެ. އެކުންފުނިން ދޫކުރި ބައެއް ޗެކްތަކަށް އޮނާކޮށްފައިވާއިރު، އަނެއް ބައި ޗެކްތައް ވަނީ ބައުންސްވެފަ އެވެ. ބޭންކް ގެރެންޓީތަކުގައި ޖަހާފައިވާ ތަތްގަނޑަކީ އެމްސީބީގެ ސައްހަ ތަތްގަނޑެއް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ.
ޑޮލަރު ގަތުމަށް ފެނަކައިން 17.8 މިލިއަން ރުފިޔާ ޝަރޫ ކުންފުންޏަށް ދިން އިރު، އެ ކުންފުނިން ދޫކުރި ޑޮލަރުގެ ޗެކްތައް ވަނީ ބައުންސްވެފަ އެވެ. ސްޓެލްކޯ އިން ވެސް ޑޮލަރު ގަންނަން ތިން މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިން އިރު، ސްޓެލްކޯއަށް ދިން ޗެކްތައް ވެސް ވަނީ ބައުންސްވެފަ އެވެ. މީގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކާއި އަމިއްލަ މީސްމީހުންނަށް ދިން ޗެކްތަކެއް ވެސް ބައުންސްވި އެވެ.
ފެނަކައިން ޑޮލަރު ގަންނަން ދިން 17.8 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ޝަރޫ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.