ދިވެހިރާއްޖޭގެ ސިއްޙީ ދިރާސާގެ ގައުމީ ސިޔާސަތު އެކުލަވާލައި އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ދިރާސާގެ ގައުމީ ސިޔާސަތަކީ ސިއްޙީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކާއި، އަދި މި ދާއިރާ އަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދިވެހިރާއްޖޭގައި ސިއްޙީ ދިރާސާ ކުރުމުގެ ސަގާފަތެއް އުފެއްދުމަށް މަގުފަހި ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީ އާއި ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގުޅިގެން އެކުލަވާލި ސިއްޙީ ދިރާސާގެ ގައުމީ ސިޔާސަތު އާންމުކޮށްދެއްވީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތުގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ސިއްޙީ ދިއިރާސާގެ ގައުމީ ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު ލަނޑުދަނޑިއަކީ މިފަދަ ދިރާސާތަކުގެ ނަތީޖާ ނެރެވޭ ފަދަ ނިޒާމެއް ގާއިމް ގާއިމް ކުރުމާއި މި ދާއިރާގެ ރިސާޗްތަކުން ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކުރިއެރުވޭ ފަދަ ސައިންޓިފިކް އަދި ސުލޫކީ މިންގަނޑުތައް ކަނޑައަޅައި ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމެވެ.
"މޯލްޑިވްސް ހެލްތު ރިސާޗް ބްލެޓިން" ތަޢާރަފް ކުރި މަގުސަދާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރއާ ގުޅުންހުރި ދިރާސާތަކުގެ މައުލޫމާތުތައް ފަސޭހަކަމާ އެކު ބޭނުންވާ ފަރާތްތަކަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
މީގެ އިތުރުން މިފަދަ ދިރާސާތައް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކޮށް ރާއްޖެގެ ސިއްޙީދާއިރާގައި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިއްވަރު ދިނުމަކީ ވެސް މފަދަ ބްލެޓިންއެއް ނެރުމުގެ މަގުސަދެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އަދި މިފަހަރު ނެރުނު ބްލެޓިންގައި މި އަހަރު ރާއްޖޭގެ ސިއްޙީ ދިރާސާ ކުރުމަށް ބޭނުންވާ ދާއިރާތައް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ސިއްޙީ ދިރާސާކުރާ ފަރާތްތައް ފާހަގަކޮށް އަންނަ އަހަރުން ފެށިގެން އެ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.