ތައިލޭންޑަށް ކުރާ ދަތުރުތަކުގައި އެވަރޭޖްކޮށް ކޮންމެ ފަހަރަކު ވެސް 20،000 އެއްހާ ރުފިޔާ ދިވެހިން ހޭދަކުރާ ކަމަށް އެގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތައިލޭންޑް ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި 18،470 ދިވެހިން އެގައުމަށް ދަތުރުކުރި އެވެ.
ތައިލޭންޑަށް ދިވެހިން ކުރާ ދަތުރުތަކުގައި އެވަރޭޖްކޮށް 8 ދުވަސް އެގައުމުގައި ތިބޭއިރު، ދުވާލަކަށް 160 ޑޮލަރު(2،467 ރުފިޔާ) ހޭދަކުރެ އެވެ. އެއީ 8 ދުވަހުގެ ދަތުރަކަށް ބަލާއިރު، 1،280 ޑޮލަރު(ގާތްގަނޑަކަށް 20،000 ރުފިޔާ) އެވެ.
ތައިލޭންޑަކީ ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެކެވެ. އަދި މީގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ވެސް ގިނަ އަދަދެއްގެ ދިވެހިން އެގައުމަށް ދަތުރުކުރެ އެވެ.
ޖޮއިންޓް ޓްރޭޑް ކޮމެޓީއެއް އުފައްދައިގެން ތައިލޭންޑާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ތައިލޭންޑްގެ ކުންފުނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަޑައިގެންނެވި މަދު ގައުމުތަކުގެ ތެރޭގައި ވެސް ތައިލޭންޑް ހިމެނެ އެވެ.