ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 70ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ލަންކާގެ މީޑިއާ އިން ބުނެފި އެވެ.
ސްލީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާއި ހަވާލާދީ ލަންކާގެ ޑެއިލީ ނިއުސް އިން ބުނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، އަފްޣާނިސްތާން އަދި ނޭޕާލްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އަންގާރަ ދުވަހު ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން، އޮކްޓޯބަރު ހަތަރަކުން ހަވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ސާކްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި މެމްބަރުންގެ ޖަމިއްޔާ (އޭއެސްއެސްޕީ)ގެ އަށް ވަނަ ބައްދަލުވުމުގައި ސާކްގެ އަށް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޖަޔަސޫރިޔާ އެވެ. ބުދަ ދުވަހު ފަށާ ސްޕީކަރސް ކައުންސިލްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންޙެ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖަޔަސޫރިޔާ ވިދާޅުވި އެވެ.
ސްޕީކަރސް ކައުންސިލްގައި، މިސަރަޙައްދުގެ ޤާނޫނު ހަދާ މަޖިލީހުގެ އިޖުރާޢަތުތަކާއި، ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.