ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު ބެހެއްޓުމަށް އުސް ސްޓޭޝެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ އެމަޖިލީގެ މުވައްޒަފުންނަށް މަޖިލީހުގެ މާލަމަށް ވަނުން މަނާކޮށްފައިވާކަން ރާއްޖެ އެމްވީއަށް އެނގިއްޖެ އެވެ.
މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ނުފައްޓައި އަންނަ ހޯމަ ދުވަހު ޖަލްސާތައް ފެށުމަށް ހަމަޖެއްސީ ސްޓޭޖްގެ މަސައްކަތް ނުނިމޭތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށަން ޖެހޭ ދުވަހަކީ މިމަހުގެ 2 ވީ ހޯމަ ދުވަހެވެ.
މީގެ ކުރިން ބޭނުން އިރެއްގައި މުވައްޒަފުންނަށް މަޖިލީހުގެ މާލަމަށް ވަދެވޭއިރު، މިހާރު އެއްވެސް މުވައްޒަފަކު މަޖިލީހަށް ވަނުން ވަނީ މަނާކޮށްފަ އެވެ. ސްޓޭޖް ހެދުމުގެ މަސައްކަތް ކުރާ ސިފައިންނަށްވެސް މަޖިލީހުގެ މާލަމުގެ ތެރެއަށް ވަދެ ނުކުމެ ހެދެނީވެސް ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ބެލުމުގެ ދަށުން އެސިފައިންގެ ހުއްދަ ލިބިގެންނެވެ.
މަޖިލީހުގެ އަމީން ޢާއްމު އަހުމަދު މުހައްމަދު ފޯން ނުނަންގަވާތީ މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރަސްމީ ބަހެއް ނުލިބެ އެވެ.
މަސީހު ހުންނެވުމަށް އުސް ސްޓޭޖެއް ހަދަނީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވައި އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ވެސް، ގަދަބާރުން ރިޔާސަތުގައި އިންނަވަން ކުރައްވާ މަސައްކަތާ ދެކޮޅަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރާތީ އެވެ.
ޕީޕީއެމްގެ 11 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަށް ފަހު އެވެ. މަސީހުގެ އިތުބާރު ނެތްކަމަށް ސޮއިކުރި 45 މެމްބަރުންގެ ތެރެއިން ހަތް މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުނުކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދީފައި އޮތް މި ބާރު އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން ދިނުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލުން ބުނެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލޭކަމަށް ކަނޑައެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވަނީ އޮޅުން ބޮޅުން ހުކުމެކެވެ. ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާއި ދިނުމަށް ހަތަރު މެމްބަރަކު ހުށަހެޅި މައްސަލައިގައި ހުކުމެއް ނެރުމުގެ ބަދަލުގައި ނެރުނު ނިންމުމުން ވެސް އޮޅުންބޮޅުން ވަނީ އަރައިފަ އެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ކަމަށް ސަރުކާރުން ބުނާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ ގޮނޑި ނުގެއްލޭ ކަމަށެވެ.
މިފަދަ ގޮތަކަށް ހުކުމް ނެރެފައިވާއިރު، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު ފަރާތްތަކުން ކުރެ އެވެ.