ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ކައިރިވެފައިވަނިކޮށް ބްރޮޑްކާސްޓިންގ ކޮމިޝަނުން މީޑިޔާތަކަށް ވަރުގަދަ އިންޒާރެއްދީފި އެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިހާރަކަށް އައިސް ބައެއް ޓީވީ ޗެނެލްތަކުން ރައްޔިތުންގެ މަޖިލީހުން ރަސްމީކޮށް ދޫކުރާ ލައިވު ފީޑު ފިޔަވައި، ވަކި ވަކި މެންބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިޔޯ ކޯލާއި ރެކޯޓިންގ ހިމެނޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ލައިވްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭކަމަށް އެކޮމިޝަނުން ބުނެ އެވެ. އަދި މަޖިލީހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަގޮތަށް ބްރޯޑްކާސްޓްކުރުން ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ފަދަ ކޮންޓެންޓަކީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދާއި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކޮންޓެންޓްކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން ހިމެނޭ ގޮތުން ފަތުރާ ކޮންޓެންޓް ލައިވްކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ބްރޯޑްކާސްޓްރުންނަށް އެ ކޮމިޝަނުން މި ބަޔާނުގައި ގޮވާލައިފައިވެ އެވެ. އަދި މި ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓް ކުރަމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުމަށް ހުރިހާ ބްރޮޑްކާސްޓަރުންނަށް އެ ކޮމިޝަނުން އެދިފައިވެ އެވެ. އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.