ގަވައިދާ ހިލާފަށް ރީބްރޮޑްކާސްޓު ކުރާ ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތްތަކުގެ މައުލޫމަތު ބްރޮޑްކާސްޓިންގ ކޮމިޝަނާ ހިއްސާ ކުރުމަށް އެ ކޮމިޝަނުން ގޮވާލައިފި އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރ އެއްގައި ބުނެފައި ވަނީ ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި 25 ވަނަ މާއްދާއަށް ރިޔާއަތް ކުރާ އިރު ލައިސެންސް ނެތި ރީބްރޮޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ރީބްރޮޑްކާސްޓް ކުރުމުގެ ލައިންސެންސް ހޯދުމެއް ނެތި ބައެއް ފަރާތްތަކުން އަތޮޅު ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް ރީބްރޮޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާ ކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ސަރކިއުލަރގައި ބުނެފައިވެ އެވެ. އަދި މިގޮތަށް ގަވައިދާ ހިލާފަށް ރީބްރޮޑްކާސްޓް ކުރާ ގިނަ އަދަދެއްގެ ފަރާތްތަކެއްގެ މައުލޫމާތު އެކޮމިޝަނަށް ޝަކުވާގެ ގޮތުގައި ލިބެމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ނެރުނު ސަރކިއުލަރ އާއި އެކު ރީބްރޮޑްލާސްޓް ކުރުމުގެ ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކާއި އެ ފަރާތްތަކަށް ހުއްދަ ދެވިފައިވާ ސަރަހައްދު ހިމަނާފަ އެވެ. އެގޮތުން މިހާތަނަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ރީބްރޮޑްކާސްޓް ކުރުމަށް ހުއްދަ ދީފައިވާ 122 ކުންފުންޏެއްގެ ނަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. މި ލިސްޓް ބްރޮޑްކާސްޓިންގ ކޮޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތައް ނޫން އެހެން ބަޔަކު ހިދުމަތްދޭކަން އެނގޭނަމަ އެމައުލޫމާތެއް އެ ކޮމިޝަނާ ހިއްސާ ކުރުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ އެދިފަ އެވެ. އެގޮތުން ޚިދުމަތް ދިނުމާ ހަވާލުވެ ހުންނަ ފަރާތެއްގެ ނަމާއި ފޯނު ނަންބަރާއި ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވިޔަފާރީގެ ނަމުގެ މައުލޫމާތު އަންނަ ނޮވެމްބަރު މަހުގެ 02 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އެންގުމަށް އެދިފައިވެ އެވެ.
ކޮމިޝަނުން މިފަދަ ސަރކިއުލަރ އެެއް ނެރެފައިވާ އިރު މިދިޔަ ހަފްތާގައިވެސް ވަނީ ހުއްދަނެތި ރީބްރޮޑްކާސްޓް ކުރި މައްސަލައެއްގައި އަމިއްލަ ކުންފުންޏެެއް 46000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.