ހުޅުމާލޭ ޓޫރިސްޓް ޖެޓީ ޑިޒައިންކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އިއުލާނު ކޮށްފި އެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ މަސައްކަތަކީ އެ ކޯޕަރޭޝަންގެ ޚަރަދުގައި ހިންގާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ކުރާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ. ބިޑް ގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަންޖެހޭ ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި ޓޫރިސްޓު ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީން ފަށާފައިވާ އިރު ޕްރީ ބިޑް މީޓިންް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 08 ވަނަ ދުވަހު އެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަކޮށް ޖެޓީއެއް ހަދާ އިރު މި ޖެޓީ ސަރަހައްދު ހެދުމަށް ހަމަޖެހިފައިވަނީ ހިޔާކޮށް، ވޯކްވޭ އަކާ އެކު އެވެ. މީގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު ޖެޓީއެއް ހެދިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ޓޫރިސްޓު ޖެޓީ ސަރަހައްދު ތަރައްގީ ވެގެން އަންނަ އިރު އެ ސަރަހައްދު ވެގެންދާނީ ފަތުރުވެރިންނާއި ދިވެހިންނަށްވެސް ހިތްފަސޭހަ ސަރަހައްދަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ އާބާދީ 50000 އަށް އަރާ އިރު ހުޅުމާލެ އަކީ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްއުޅޭ ރަށެކެވެ.