ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓްރީއިން އާންމު ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް 27 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްލެޓްތަކުގެ މައްސަލައިގައި ކޮމިޝަނަށް 27 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާނުކުރި އިރު، ފްލެޓް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ ފޯމް ނަމްބަރު އެކަންޏެވެ.
މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީ އާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓް ލިބޭ 661 މީހުންގެ ނަމާއި އެހެނިހެން މައުލޫމާތު ސިއްރުކޮށްފައި ވަނީ އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. މުއިއްޒު ގެންދަވަނީ އެންމެ މަތިން ލިބުނު ޕޮއިންޓްގެ އަދަދު ހާމަކުރައްވަން ވެސް ދެކޮޅު ހައްދަވަމުންނެވެ.
އޭސީސީން މައްސަލަ ބަލަމުންދަނިކޮށް ހައުސިންގ މިނިސްޓްރީއިން ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް އިއުލާނުކޮށްފަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވެސް މައްސަލަ ބަލަމުންދާއިރު، ހައުސިންގ މިނިސްޓްރީއިން ވަނީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ކޮމެޓީއާ ވެސް ހިއްސާކުރަން ދެކޮޅު ހަދާފަ އެވެ.
ހައުސިންގ މިނިސްޓްރީއިން ބުނާ ގޮތުގައި މިހާރު ކުރަމުންދަނީ ފްލެޓްތައް ލިބުނު މީހުންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތެވެ.
ހުޅުމާލޭގައި އަޅާފައިވާ އިމާރާތްތަކުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ފްލެޓްގެ ޑައުންޕޭމަންޓަށް 25،000 ރުފިޔާ ދައްކަންޖެހޭއިރު، 25 އަހަރު ވަންދެން މަހަކު 6،000 ރުފިޔާ ދައްކަންޖެހެ އެވެ. އެ އަދަދުން ބަލާނަމަ ފްލެޓެއް މިލްކުކުރުމަށް ދައްކަންޖެހެނީ 1.8 މިލިއަން ރުފިޔާ އެވެ.