ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ ނޭޝަނަލް އެސެސްމަންޓު ހޯމަ ދުވަހު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ހޮވައިލެވިފައިވާ 103 ސުކޫލެއްގެ 6407 ދަރިވަރުން މި އެސެސްމަންޓުގައި ބައިވެރިވާ ކަމަށެވެ.
މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުހަލާގައި، އެދަރިވަރުން ހާސިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމެވެ.
މި މައުލޫމާތުގެ އަލީގައި ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ގައުމީ ފެންވަރުގައި ދެނެގަނެވޭނެ ކަމަށާއި އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމު ކޮއްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފެށުނު އެސެސްމަންޓް، މި އޮކްޓޯބަރ މަހުގެ ހަތަރަކާއި ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.